19 Dec 2014, 09:48
ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހުށަހެޅުއްވި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ބިލުގެ މަސައްކަތް ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމާލައިފި އެވެ.
އަމީތު ހުށަހެޅުވި ބިލްގައިވާ ގޮތުން އެފަދަ ގާނޫނެއްގެ މަގުސަދަކީ ޖިނާއީ ތަހުގީގުތަކުގައި އެހީތެރި ވުމަށްޓަކައި ރާއްޖޭގައިވާ މީހުން އެ ގައުމުތަކަށް ދަތުރު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ބޭރު ގައުމުތަކުން ރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ އުސޫލުތަކާއި އެފަދަ އެހީ ފޯރުކޮށްދިނުމުގައި އަމަލު ކުރާނެ ގޮތް ބަޔާން ކުރުމެވެ. އަދި ތަހުގީގުތަކުގައި އެހީތެރި ވުމަށް ބޭރު ގައުމުތަކުގައިވާ މީހުން ރާއްޖެއަށް ދަތުރު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ބޭނުންވާ އެހީ ހޯދުމަށްޓަކައި ރާއްޖެއިން އެދުމާއި އެފަދަ އެހީ ހޯދުމުގައި އަމަލު ކުރާނެ އުސޫލުތައް ވެސް އެ ބިލްގައި ވަނީ ބަޔާންކޮށްފައެވެ.
އެ ބިލުގައި އެހީ ބަދަލުކުރެވޭނެ ދާއިރާތަކުގެ ތެރޭގައި ބުނެފައި ވަނީ މީހެއްގެ ބަޔާން ނެގުން ނުވަތަ ހެކިބަސް ހޯދުން، ހެކި ހޯދުމުގައި ތަންތަން ބަލާ ފާސްކުރުމެވެ. އަދި ހަމައެއާއެކު އެއްޗެއްސާއި ތަންތަން ބަލާ ފާސްކުރުމާއި މުދަލުން މުއާމަލާތްކުރުމާއި ހުއްޓުވުމާއި މުދާ ހިފެހެއްޓުންވެސް އެހީ ބަދަލުކުރެވޭނެ ދާއިރާތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ ބިލުގައިވާގޮތުން އެ ގާނޫނު ދުނިޔޭގެ ހުރިހާ ގައުމަކަށް ހިނގާނެއެވެ. އަދި އެ ގާނޫނުގެ ދަށުން ފޯރުކޮށްދޭ އެއީއަށް ބޭރުގައުމުތަކުގައި ރާއްޖޭގެފަރާތުން އެދޭނީ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް ކަމަށް އެ ބިލްގައި ވެއެވެ.
އެ ބިލުގައިވާ ގޮތުން މަރުގެ ހުކުމްގެ މައްސަލަތަކުގައި ނިސްބަތްވާ މައްސަލާއިގެ ހާއްސަ ހާލަތްތަކަށް ރިއާއަތްކޮށް އެ އެހީ އަކީ ކޮންމެހެން ފޯރުކޮށްދެވޭނެ އެހީއެއް ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި މެނުވީ، އެ ހުށަހެޅުން ބަލާގަނެވިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.
ބޭރު ގައުމެއްގައިވާ މީހަކު އެހެން ބޭރު ގައުމެއްގައު ހިނގާ ޝަރީއަތެއްގައި ހެކި ދިނުމަށް ރާއްޖޭގައި ޓްރާންޒިޓް ކުރުމަށް ބޭރު ގައުމަކުން އެދޭނަމަ ޕްރޮސެކިއުޓާ ޖެނެރަލް އަށް ހުއްދައެއް ދެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި ޖިނާއީ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް ދައުކަތަށް ނެގުމަށް ރާއްޖޭ ކޯޓުން އަމުރު ކޮށްފިނަމަ އެ މުދާ ހުރީ ބޭރު ގައުމެއްގައި ވާނަމަ އެކަންތައް ހަމަޖައްސައި ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އަށް އެދެވިދާނެ ކަމަށް އެ ބިލިގައި ބުނެފައިވެއެވެ.
ބޭރު ގައުމެއްގައި ޖިނާއީ ބޮޑު ކުށެއް ކޮށްގެން ހޯދާފައިވާ މުދަލަކަށް ވާނަމަ އަދި އެ ނެގުމަށް އެގައުމެއްގެ ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކޮށްފައިވާނަމަ އެއަމުރު ތަންފީޒު ކުރުމަށް ރާއްޖެއިން ކުރަން ޖެހޭ ކަންތައް ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އަށް ހުށަހެޅިދާނެ ކަމަށް ވެސް އެ ބިލްގައި ވެއެވެ.
އެ ބިލަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅުނު ބިލެކެވެ. އޭރުވެސް މި ބިލު ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުންނެވެ. މި ބިލު 17 ވަނަ މަޖިލީހަށް ހުށަހަޅާފައި ވަނީ ކުރީގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދު އެވެ.
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ބިލެއް ސަރުކާރުން ހުށަހަޅާފައިވާ އިރު، ބައިނަލްއަގުވާމީ ފެންވަރުގައި ދުރާލައި ރޭވިގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތައް ހުއްޓުވުމަށް ޓަކައި އެފަދަ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް އދ. އިން އެކުލަވާލައިވާ ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސްގައި ރާއްޖެއިން ވަނީ މިދިޔަ އަހަރު ސޮއިކޮށްފަ އެވެ.