18 Dec 2014, 22:06
މާޒީ ހަނދާން ނައްތާލައި އެކުވެރި ވުމަށް ސްރީލަންކާގެ ބައި މަދު ތަމަޅައިންނަށް އެގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސާ ގޮވާލައްވައިފިއެވެ.
އަހުލީ ހަނގުރާމައިގެ ދުވަސްވަރު ވަރުގަދައަށް ހަނގުރާމަ ހިނގި ސަރަހައްދެއް ކަމަށްވާ މުއްލައިޓިވޫގައި މިއަދު ބޭއްވެވި އެއްވުމެއްގައި ތަމަޅައިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރާޖަޕަކްސާ ވިދާޅުވެފައި ވަނީ އަރަބި ބަހާރުގައި ފެނުނު ފަދަ އުތުރި އެރުންތައް ލަންކާގައި ހިނގަން ޖާގަ ނުދެއްވާނެ ކަމަށެވެ.
"... ބަލާ އީރާނާއި ލީބިއާއާއި މިސްރުގައި ކަންތައްތައް ވީ ގޮތް. މިގައުމުގައި އެކަހަލަ ހާލަތަކަށް އަހަރެމެންނަށް ޖާގައެއް ނުދެވޭނެ. އަހަރެމެން އެކުވެރިވާން މަޖުބޫރު . މާޒީ ހަނދާން ނައްތާލާފައި އެންމެން ވެގެން މިގައުމު ބިނާކުރަމާ ހިނގާ،" ތަމަޅައިންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރާޖަޕަކްސާ ވިދާޅުވި ކަމަށް އިންޑިއާގެ ދަ ހިންދޫ ނޫހުން ބުންޏެވެ.
ތަމަޅައިން ބަލިކުރު ހަނގުރާމައިގައި އާއްމުންގެ ގިނަ ބަޔަކަށް ވެސް ވީގޮތެއް ނޭނގިފައިވާ މުއްލައިޓިވޫގައި ވާހަކަފުޅު ދައްކަވަމުން އެހަނގުރާމައިގެ ވާހަކަ ރާޖަ ޕަކްސާ ވިދާޅުވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ވިދާޅުވެފައި ވަނީ ތާރީހު އިއާދަ ނުކުރެވޭނެ ކަމަށެވެ.
ސްރީލަންކާގައި ވަކި ދައުލަތެއް އުފައްދަން އެގައުމުގެ ސަރުކާރުތަކާ 30 އަހަރު ވަންދެން ހަނގުރާމަކުރި ތަމަޅައިން ބަލިކުރި ހަނގުރާމައިގެ ފަހު މަރުހަލާގައި ލަންކާ ސިފައިން ތަމަޅައިގެން އާއްމުންގެ 40،000 މީހުން މަރައިލި ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.