18 Dec 2014, 21:00
މާލެ އާއި އަތޮޅުތަކުގައި ސަރުކާރުން ހިންގާ ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި 188 ބޭފުޅެއްގެ މަގާމު ބަދަލު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ނިންމައި ޑެޕިއުޓީ ޕްރިންސިޕަލުންނާ މަޝްވަރާ ކުރަން ފަށާފައިވާ ކަމަމަށް ސަން އަށް ކަށަވަރުވެއްޖެ އެވެ.
ސަން އާ ވާހަކަ ދެއްކެވި ބައެއް ޑެޕިއުޓީ ޕްރިންސިޕަލުން މިއަދު ވިދާޅުވީ އެ ހަބަރު އެބޭފުޅުން އަޑުއެއްސެވީ ވަރަށް ބޮޑު ހައިރާންކަމާ އެކު ކަމަށާއި އެފަދަ ނިންމެވުމަކަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޕޮލިސީ ހައްދަވާ ބޭފުޅުން ވަޑައިގަންނަވާތީ ނުހުނަ ހިތާމަ ކުރައްވާ ކަމަށެވެ.
"އެއްގޮތަކަށް ވެސް ނުވިސްނޭ އާންމުކޮށް ދެ ދަންފަޅި އަށް ކިޔަވައިދޭ ސްކޫލްތައް ޑެޕިއުޓީ ޕްރިންސިޕަލުންނާ ނުލައި ހިންގާނެ ގޮތެއް ވެސް،" ނަން ހާމަ ކުރުމަށް އުޒުރުވެރިވެ ވާހަކަ ދެއްކި ޑެޕިއުޓީ ޕްރިންސިޕަލަކު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ރަސްމީ ކޮމެންޓެއް ހޯދުމަށް އިއްޔެ އާއި މިއަދު ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. ނަމަވެސް އެ މިނިސްޓްރީގެ އޮފިޝަލަކު ޓެކްސްޓް މެސެޖަކުން ދެއްވި ޖަބާބުގައި ވިދާޅުވީ ސްކޫލްތަކުގެ ފަންނީ މުވައްޒަފުންގެ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ނަމަވެސް އެ މިނިސްޓްރީގެ އެހެން އޮފިޝަލަކު ނުރަސްމީކޮށް ސަން އަށް ވިދާޅުވީ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް ބަދަލު ގެންނެވުމުގެ މަސައްކަތެއް އެ މިނިސްޓްރީ އިން ކުރައްވަމުން އަަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް ކުރާ އިރު އެއްވެސް ޑެޕިއުޓީ ޕްރިންސިޕަލެއްގެ ވަޒީފާ ގެއްލުން ފަދަ ކަމެއް ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޓީޗަރުންގެ އޮނިގަނޑަށް ބަދަލު ގެންނަވާ އިރު ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމުގައި ތިއްބެވި ބޭފުޅުންނަށް ދެތިން ހަތަރު ހުށަހެޅުމެއް ގެންގުޅުއްވާ ކަމަށާއި އޭގެ ތެރޭގައި މިހާރު އަތޮޅުތަކުގައި ޕްރިންސިޕަލުން ނެތް 92 ސްކޫލަކަށް ޕްރިންސިޕަލުންގެ ގޮތުގައި ވަޑައިގަތުމުގެ ފުރުސަތު ވެސް ޑެޕިއުޓީ ޕްރިންސިޕަލުންނަށް އޮތް ކަމަށެވެ.
ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމު އުވާލުމަށް އެޑިޔުކޭޝަނުން ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީ އާއި އަދި ކުރިން ޕީޕީއެމް ކޯލިޝަނުގައި އޮތް ޖޭޕީ އިން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.
އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްކޮންފަރެއްސެގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސިވިލް ސާވިސްގެ މަގާމެއް ދަށްކުރެވޭނީ އެޕްރައިސަލެއް ހެދުމަށް ފަހު ކަމަށާއި އަދި އެފަދަ ހާލަތެއްގައި ވެސް މަގާމު ދަށް ކުރެވޭނީ އެމީހެއްގެ މަސައްކަތްތެރިކަން ދަށްވެއްޖެ ހާލަތެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުން ގަބޫލު ކުރައްވަން ދަތި ކަމަށެވެ.
މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ޖޭޕީ އަށް ސޮެއި ކުރުމަށް މިއަދު ޕެރަޑައިސް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ ކުއްލި ކުއްލި އަށް ޓީޗަރުންގެ އޮނިގަނޑަށް ބަދަލު ގެނެސްގެން ހިންގާ ކަންތައްތަކުގެ ނޭދެވޭ އަސަރު ތައުލީމީ ދާއިރާ އަށް ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ޓީޗަރުންގެ މޯޓިވޭޝަން ގެއްލުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމް ސަރުކާރަކީ ޖޭޕީ އިން ވެސް މަސައްކަތްކޮށްގެން ގެނެސްފައިވާ ސަރުކާރެއް ކަމަށާއި މީހުންނާ ދޭތެރޭ އިންސާފުން ކަން ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނަނީ ޓީޗަރުންގެ އޮނިގަނޑަށް ބަދަލު ގެންނަނީ އެދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ކަމަށެވެ.
ސަން އާ ވާހަކަ ދެއްކި ޑެޕިއުޓީ ޕްރިންސިޕަލުން ވިދާޅުވީ އެ ބޭފުޅުންނާ އެޑިޔުކޭޝަނުން މަޝްވަރާ ކުރަނީ ފޯނުން ކަމަށާއި އެއްވެސް ލިޔެކިޔުމަކުން ވާހަކަ ނުދައްކާ ކަމަށެވެ. އަދި ވިދާޅުވީ ޑެޕިއުޓީ ޕްރިންސިޕަލްގެ ގޮތުގައި ތިއްބެވި ބޭފުޅުން ލީޑިން ޓީޗަރުންގެ މަގާމަށް ބަދަލު ކުރުމަށް ވެސް ވާހަކަ ދައްކާ ކަމަށެވެ. އަދި ވިދާޅުވީ އެއީ ވަރަށް ބޮޑު އިންޒަލްޓެއް ކަމަށާއި ހަމަ އެފަދަ އިން ހިއުމިލިއޭޝަނެއް ކަމަށެވެ.
އެބޭފުޅުން ވިދާޅުވީ ކޮލިފިކޭޝަން ނެތް މީހުން ދަށް މަގާމުތަކަށް ބަދަލު ކުރިއަސް، ގްރެޖުއޭޓުންނާ ދޭތެރޭ އެ އުސޫލުން އަަމަލު ކުރުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށެވެ.