18 Dec 2014, 20:27
ހުސް ފުޅި ރިސައިކަލް ކުރުމަށް ސްކައުޓުން ފެށި ޕްރޮޖެކްޓްގެ ދަށުން އެއްލައްކަ އަށްވުރެ ގިނަ ފުޅި އެއްކޮށްފި އެވެ.
މާލެއަށް ދިމާވި ފެނުގެ ކާރިސާއާ ގުޅިގެން ސަރުކާރުން ދޫކުރި ޕްލާސްޓިކް ފުޅިތައް ރިސައިކަލް ކުރުމަށް "ދުޅަހެޔޮ ސިއްހަތަކަށް ސާފު ތިމާވެއްޓެއް"ގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ސްކައުޓުން ފެށި އެ ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ސްކައުޓުން ވަނީ 119،000 ފުޅި އެއްކޮށްފަ އެވެ.
ހުސްފުޅި ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓުގެ ސްޓިއަރިން ކޮމެޓީގެ މެމްބަރު ސައިފް އަޒްހަރު ވިދާޅުވީ، ހުސްފުޅި އެއްކުރުމުގެ މަސައްކަތުގައި 70 އަށްވުރެ ގިނަ ސްކައުޓުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުސްފުޅި ބަލައިގަތުމަށްޓަކާ މާލޭގެ 15 ސަރަހައްދެއްގައި އަޅުނގަޑުމެން ކަލެކްޝަން ޕޮއިންޓްތަކެއް ގާއިމްކޮށްފައިވާނެ. އަދި ހޮޓްލައިންނަށް ގުޅާލުމުން ހުސްފުޅި ބަލައިގަތުމަށްޓަކާ ސްކައުޓް ލީޑަރުންގެ މޯބައިލް ޓީމްތަކުންނާއި އެންމެ ކައިރި ކަލެކްޝަން ޕޮއިންޓަކުން އެގެއަކަށް ގޮސް ފުޅި ބަލައިގަންނަން. އަދި ބައެއް ބޭފުޅުން ހުސްފުޅި ސެންޓަރަށް ވެސް ގެނެސްދޭ،" ސައިފް ވިދާޅުވި އެވެ.
ހުސްފުޅި ރިސައިކަލް ކުރުމަށް ފެށި އެ ޕްރޮޖެކްޓަކީ ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނާއި އެމްއެންޑީއެފް އާއި އެންވަޔަރަމަންޓް މިނިސްޓްރީ ގެ އިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަދި އެސްޓީއޯ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
ލީޑަރު ސައިފް ވިދާޅުވީ، އެ ޕްރޮޖެކްޓަށް އެއްކުރި ފުޅިތައް ރިސައިކަލް ކުރާ ބަޔަކާ ގުޅިގެން ރާއްޖޭން އެކްސްޕޯޓްކުރަން އިއްޔެ ބޭއްވި އެ ޕްރޮޖެކްޓްގެ ސްޓިއަރިން ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އަދި ހުސްފުޅިތައް ރިސައިކަލް ކޮށްދިނުމަށް ރާއްޖޭގެ އަމިއްލަ ފަސް ފަރާތަކުންނާއި ލަންކާގެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް ފަރާތްތަކުން އެބަހުރި އެކި އަގުތައް ހުށަހަޅާފަ. އެއް ފަރާތަކުން އެބައިން ޕްރޮޕޯސަލް އެއްވެސް ހުށަހަޅާފަ. އެކަމަކު ހަވާލުކުރާނެ ބަޔެއް ނިންމާނީ މިރޭ ބާއްވާ ސްޓިއަރިން ކޮމެޓީގެ ބައްދަލުވުމަކަށްފަހު،" ސައިފް ވިދާޅުވި އެވެ.
ހުސް ފުޅި ރިސައިކަލް ކުރުމަށް ސްކައުޓުން ކުރިއަށްގެންދާ އެ ޕްރޮޖެކްޓްގެ ދަށުން ހުސްފުޅި އެއްކުރުމުގެ ހަރަކާތް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްގެންދާނެ އެވެ.