18 Dec 2014, 19:55
ޒޯން ފަހެއްގެ ދ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ މާއެނބޫދޫ މުޑި ޖަމިއްޔާ އަށް ލިބިއްޖެ އެވެ. މުޑި ޖަމިއްޔާ އަށް ފައިނަލުގެ ދެވަނަ ޖާގަ ލިބުނީ މިއަދު ހަވީރު ކުޑަހުވަދޫ ރޭނީސް ގިންތީއާ އެކު ކުޅުނު މެޗުން އެއްވަރުވުމުގެ ސަބަބުންނެވެ.
މި މުބާރާތުގެ މެޗުތައް ކުރިޔަށް ދަނީ މާއެނބޫދޫ ރަސްމީ ބޯޅަދަނޑު ގައެވެ.

މިއަދުގެ މެޗަށް ނުކުތް އިރު ކުޑަހުވަދޫ ރޭނީސް ގިންތީ އަށް ލިބިފައި އޮތީ ހަތަރު ޕޮައިންޓެވެ. މާއެނބޫދޫ މުޑި ޖަމިއްޔާ އަށް ހަ ޕޮއިންޓް ލިބިފައިވެ އެވެ. އެހެން ކަމުން ފައިނަލަށް ދާން ބޭނުން ނަމަ މިއަދުގެ މެޗުން މޮޅުވުން ނޫން ގޮތެއް ރޭނީސް ގިންތީ އަކަށް ނެތެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. މާއެނބޫދޫ މުޑި ޖަމިއްޔާ އާ އެކު ފައިނަލުގައި ކުޅޭނީ ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ އާއި ކުޑަހުވަދޫ ރޭނީސް ގިންތީ އާއި މާއެނބޫދޫ މުޑި ޖަމިއްޔާގެ އިތުުރުން މި މުބާރާތުގައި ދެން ވާދަ ކުރި ޓީމު ތަކަކީ މާއެނބޫދޫ ޔޫތު ރެކްރިއޭޝަން ކްލަބާއި ކުޑަހުވަދޫ ޔޫތު އެންހޭންސްމެންޓް ސޮސައިޓީ އެވެ.