18 Dec 2014, 19:04
ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އުވާލައި، އެ އެސޯސިއޭޝަން ހިންގުމަށް އިންތިގާލީ ކޮމިޓީއެއް އިންޓަނޭޝަނަލް ކެރަމް ފެޑަރޭޝަން (އައިސީއެފް)އިން އައްޔަނު ކޮށްފި އެވެ.
ރާއްޖޭގެ ކެރަމް އެސޯސިއޭޝަނަށް އައިސީއެފުން އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ފެޑަރޭޝަނުން ރާއްޖޭގެ ކެރަމް އެސޯސިއޭޝަނާމެދު އެ ފިޔަވަޅު އަޅަން ނިންމީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ 'ފެއިލް' ވެފައި ވާތީ ކަމަށެވެ.
އައިސީއެފް އިން އެކުލަވާލި އިންތިގާލީ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ އޮލިންޕިކް ކޮމިޓީގެ ނައިބު ރައީސް މުހައްމަދު އަބްދުއްސައްތާރު އެވެ. އަދި އިންތިގާލީ ކޮމިޓީގެ ދެ މެންބަރުންނަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ގައުމީ ސްޕޯޓްސް ކައުންސިލްގެ މެންބަރު މުހައްމަދު އަނީސް އާއި ކުރީގެ އޮލިންޕިކް ކޮމިޓީގެ ރައީސް އިބްރާހިމް އިސްމާއިލް އަލީ އެވެ.
އައިސީއެފްއިން އައްޔަނު ކުރި އިންތިގާލީ ކޮމިޓީގެ މައްސޫލިއްޔަތަކަށް އެ އިދާރާއިން ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ އެކްސްކޯ އިލެކްޝަނެއް އިންތިޒާމްކޮށް ބޭއްވުމެވެ. އަދި އެ އިލެކްޝަންގެ ތާވަލެއް ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި އައިސީއެފްއާ ހިއްސާ ކުރުމަށް ވެސް ވަނީ އިންތިގާލީ ކޮމިޓީއަށް އަންގާފަ އެވެ. އެ އިލެކްޝަން ކުރިއަށް ގެންދެވޭނީ އެ ފެޑަރޭޝަނުން ފޮނުވާ އޮބްޒާވަރުންގެ ބެލުމުގެ ދަށުން ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.
ބައިނަލްއަގްވާމީ ކެރަމް ފެޑަރޭޝަނުން ބުނީ ދުނިޔޭގައި ކެރަމް ކުޅިވަރެއްގެ ގޮތުގައި ކުރިއަރުވަން މަސައްކަތްކުރުން އެއީ އެ ކުޅިވަރުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮވެ އެ ފެޑަރޭޝަނުން ވަރަށް އިސްކަން ދޭ ކަމެއް ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ކެރަމްގެ ކަންކަން ހިނގަމުން އައި ގޮތް އެ ފެޑަރޭޝަނުން ނަގާފައި ވަނީ ވަރަށް ސީރިއަސްކޮށް ކަމަށް ވެސް އައިސީއެފްއިން ބުނެފައިވެ އެވެ.
މީގެ ކުރިން 2010 ވަނަ އަހަރު ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ އެކްސްކޯ އިންތިހާބު ވެސް ހުއްޓުވުމަށް ރާއްޖޭގެ ސްޕޯޓްސް ކައުންސިލަށް އެ ފެޑަރޭޝަނުން ވަނީ އަންގާފައެވެ. އަދި އެ އަހަރު ބޭއްވި އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ނޫން ކަމަށާއި، އެފަހަރު ވެސް އިންތިގާލީ ކޮމިޓީއެއް އައްޔަނުކޮށް، އިންސާފުވެރި ގޮތެއްގައި އިންތިހާބު ކުރިއަށް ގެންދިޔުމަށް ބައިނަލްއަގްވާމީ ކެރަމް ފެޑަރެޝަނުން ރާއްޖޭގެ ސްޕޯޓްސް ކައުންސިލްގައި ވަނީ އެދިފައެވެ.