18 Dec 2014, 18:20
މެލޭޝިއާގައި އަންޑަގްރެޖުއޭޓް ލެވެލްގައި ކިޔަވާ ދިވެހި ކުދިންގެ މައިންބަފައިންނަށް އަންނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ދިގު މުއްދަތުގެ ވިސާ ލިބޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.
މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު މުހަންމަދު ފަޔާޒް ވިދާޅުވީ އަންޑަގްރެޖުއޭޓް ލެވެލްއަށް ކިޔަވަން މެލޭޝިއާއަށް ދަތުރުކުރާ ދިވެހި ކިޔަވާ ކުދިންގެ އަނބިންނާއި ނުވަތަ ފިރިން، އަދި ދަރިންނާއި މައިންބަފައިންނަށް، އެ ކުދިންގެ ސްޓޫޑަންޓް ވިޒާގެ މައްޗަށް ބިނާކޮށް، ދިގު މުއްދަތުގެ ވިސާ ދޫކުރާގޮތަށް މެލޭޝިއާ ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
މެލޭޝިއާގައި ކިޔަވާ ދިވެހި ކިޔަވާކުދިންގެ ތެރެއިން އަންޑަގްރެޖުއޭޓް ލެވެލްގައި ކިޔަވާ ކުދިންގެ ބެލެނިވެރިންނަށް ވިސާ ނުލިބުމަކީ އެ ކުދިންނާއި ކުދިންގެ ބެލެނެވެރިންނަށް ދިމާވި އެންމެ ބޮޑު މައްސަލަ އެވެ.
ފަޔާޒް ވިދާޅުވީ ވޭތުވެދިޔަ އެއް އަހަރު ދުވަހު ކުރެވުނު މަސައްކަތުން ދެ ފަހަރެއްގެ މަތިން ދިވެހި ކިޔަވާކުދިންގެ ވިސާގެ ކަންތައް މެލޭޝިއާ ސަރުކާރުން ލުއި ކޮށްދެއްވާފައިވާ ކަމަށެވެ.
"މި އަހަރު ފެށުނު އިރު އަލަށް ކިޔަވަން މެލޭޝިއާއަށް ދާ ދަރިވަރުން ސްރީލަންކާއަށް ގޮސް މެލޭޝިއާ ވިސާ ޖަހައިގެން އައުމަށް އޮތް އޮތުމަށް ބަދަލުގެނެސް ވިސާ އެޕްރޫވަލް ލެޓާ ލިބުމުން މެލޭޝިއާއަށް އާދެވޭ ގޮތް މި އަހަރުގެ އެޕްރިލްމަހުގެ ތެރޭގައި ހަމަޖައްސަވާ ދެއްވާފައިވާފައި. އަދި އެންމެ ފަހުން މި ހަމަޖައްސަވާ ދެއްވި އަންޑަގްރެޖުއޭޓް ލެވެލްގެ ކިޔަވާކުދިންގެ ބެލެނެވެރިނާއި އަނބިދަރިން ވިސާ ދިނުމަށް ހަމަޖެހިގެން ދިއުމަކީ މެލޭޝިއާއިން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާ ވަރަށް މަދު ޤައުމަކަށް ނޫނީ ނުދޭ ޢިނާޔަތެއް،" ފަޔާޒް ވިދާޅުވިއެވެ.
ފަޔާޒު ވިދާޅުވީ މެލޭޝިއާ ސަރުކާރުން ދިވެހިންނަށް ވިސާ ދިނުމުގައި ލުއި ގޮތްތަކެއް ހަމަޖައްސާ ދެއްވީ މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ޤާއިމްވަމުންދާ ގުޅުންތައް ހަރުދަނާވަމުން ދިއުމުގެ ސަބަބުން ކަމަށެވެ. އަދި މެލޭޝިޔާގއި ދިރިއުޅޭ ދިވެހި ކިޔަވާކުދިންގެ އަހުލާގު ރަނގަޅުވުމުގެ ސަބަބުން ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ.
"މެލޭޝިއާގައި ކިޔަވާ ދިވެހި ކުދިންނާއި މެލޭޝިޔާގައި ދިރިއުޅެމުންދާ ދިވެހިން ފާހަގަކުރެވިފައި ވަނީ ޢާންމުކޮށް ކިޔެވުމަށް ރަނގަޅު މަސައްކަތްކުރާ ޑިސިޕްލިންޑް ރަނގަޅު ޒުވާނުންގެ ގޮތުގައި ކަމަށް މެލޭޝިޔާގެ ސަރުކާރުގެ ތަފާތު ފެންވަރުގައި ވަނީ ފާހަގަކުރައްވާފަ،" ފަޔާޒު ވިދާޅުވި އެވެ.