މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ މިހާރު އަރަނި ވެރި ކުންފުންޏެއް ކަމަށާއި، ފެށޭ އަހަރުގެ ޖޫން މަހުން ފެށިގެން ދަރަނިވެރި ކުންފުންޏަކަށް ބަދަލުވެގެން ދާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިންގެ ޑިރެކްޓަރ އިބްރާހިމް ސަލީމް (ބަންދު) ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބަންދު އިބްރާހީމް ސަލީމް ވިދާޅުވީ ފެށޭއަހަރުގެ ޖޫން މަހުން ފެށިގެން ދަރަނިވެރި ކުންފުންޏަކަށް ބަދަލުވާއިރު، ކުރާ ހަރަދުތަށް ވަރަށް ބޮޑަށް ކުޑަކުރަން ޖެހޭ ކަމަށެވެ.

"ދަރަންޏަށް ދާއިރު ކުރާ ހަރަދު ތަށް ވަރަށް ބޮޑަށް ކުޑަކުރަން އެބަޖެހޭ، އޭރުންތާ އަޅުގަނޑު މެންނަށް މި ލިބޭ އެއްޗަކުން ދެކޮޅުޖެއްސޭނީ ދެއްތޯ،" ބަންދު ވިދާޅުވިއެވެ.

ދަރަނިވެރި ކުންފުންޏަކަށް އެމްއޭސިއެލް ބަދަލުވާ ގޮތާ ބެހޭގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން ބަންދު އިބްރާހީމް ސަލީމް ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރު މެދުވެރިކޮށް ލޯނުތަކެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި މިސަބަބާހުރެ ދަރަނިވެރި ކުންފުންޏަކަށް ބަދަލުވެގެން ދާކަމަށެވެ.

"ނެތްފައިސާއަކުން ކަމެއް ކުރަންޏާ އެވާނީ ލޯނަކަށް، ޖޫން މަހުން ފެށިގެން ލޯނު ދައްކަން ޖެހުމަކީ ދަރަނިވެރި ކުންފުންޏަކަށް ބަދަލުވުން، މިހާރު އަޅުގަނޑުމެން ދައްކަންޖެހޭ އެއްވެސް ލޯނެއްނެތް" ބަންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރަންޏަށް ބަދުވާއިރު، ވަޒީފާގައި ގެންގުޅެވޭނީ ކަމަށް ކަމޭހިތާ، ކަންތަށް ކުރެވޭ، އިހުލާސްތެރިކަމާއެކު މަސައްކަތުގެ ހުނަރާ ޖޯޝު ހުރި މީހުން ކަމަށެވެ.

އާ ޓާމިނަލެއް ހެދުމާއި އިތުރު ރަންވޭއެއް ހަދާ އެއާޕޯޓު ތަރަށްގީކުރުމަށް ތަފާތު ދެ ފަރާތަކުން ލޯނު ނަގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.