18 Dec 2014, 16:26
ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި މިމަހު ރާއްޖެ 12 ދަރަޖަ ކުރިއަށް ޖެހިލާފައި ވާއިރު، ސާކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ރާއްޖެ އެއްވަނަ މަގާމް ހާސިލް ކޮށްފިއެވެ.
މިއަހަރުތެރޭ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ރާއްޖެ ގިނަ ކުރިއެރުންތަކެއް ހޯދާފައި ވާއިރު، އަހަރުގެ ކުރީކޮޅު ރާއްޖެ އޮތީ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ 163 ވަނައިގައެވެ. މި އަހަރުތެރޭ ރާއްޖެ ކުރިއަރަމުން އައިސް މިދިޔަ މަހު 142 ވަނައަށް އަރާފައި ވާއިރު، މިދިޔަ މަހުން މިމަހަށް ރާއްޖެ ވަނީ 12 ދަރަޖަ ކުރިއަށް ޖެހިލައި، ތާވަލްގެ 130 ވަނަ މަގާމު ހޯދާފައެވެ. އަދި މި ކުރިއެރުމާއެކު ރާއްޖެ ވަނީ ފީފާ ޒޯނަލް ރޭންކިންގައި 23 ވަނައިން 17 ވަނައަށް ޖެހިލައި، ސާކް ސަރަހައްދުގެ އެއްވަނަ މަގާމް ހާސިލްކޮށްފައެވެ.
މިދިޔަ މަހާ އަޅާ ބަލާއިރު، ސާކް ސަރަހައްދުގައި މިއަހަރުތެރޭ ރަސްކަން ކުރަމުން ދިޔަ އަފްޣާނިސްތާން ވަނީ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި 10 ދަރަޖަ ދަށަށް ވެއްޓިފައެވެ. މިދިޔަ މަހު ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ 133 ވަނައިގައި އޮތް އަފްޣާނިސްތާން މިމަހު އޮތީ އެ ތާވަލްގެ 143 ވަނައިގައެވެ. އަދި ފިފާ ޒޯނަލް ރޭންކިންގައި އެ ގައުމު 18 ވަނައިން 23 ވަނައަށް ވެއްޓިފައި ވީނަމަވެސް، ސާކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެ ގައުމު އަދިވެސް އޮތީ ދެވަނައިގައެވެ.
ސާކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ތިންވަނަ ގައުމެއްގެ ގޮތުގައި މިހާރު އޮތީ ބަންގްލަދެޝް އެވެ. ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި އެ ގައުމު މިދިޔަ މަހު 163 ވަނައިގައި އޮވެ، މިމަހު 165 ވަނައަށް ވެއްޓިފައި ވާއިރު، މި ސަރަހައްދުގެ ރޭންކިންގައި އެ ގައުމު ދަށަށް ޖަހިލާފައި ވަނީ އެންމެ ދަރަޖައެކެވެ. އަދި މިހާރު އެ ގައުމު ފީފާ ޒޯނަލް ރޭންކިންގައި 34 ވަނައިގައ އޮތްއިރު، އެ ގައުމާ އެންމެ ގާތުން ވާދަކުރަނީ އިންޑިއާ އާއި ސްރީލަންކާއެވެ.
ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި މިދިޔަ މަހާ އަޅާ ބަލާއިރު، އިންޑިއާ އަދި ސްރީލަންކާވެސް ދަށަށް ޖެހިލާފައި ވާއިރު، އެ ދެ ގައުމު މިހާރު އޮތީ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިން ތާވަލްގެ 171 އާއި 172 ގައެވެ. އަދި ސަރަހައްދީ ގޮތުން މިހާރު އެ ދެ ގައުމު އޮތީ 35 ވަނައާއި 36 ވަނައިގައެވެ.
ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި މިދިޔަ މަހުން މިމަހަށް ތާވަލަށް އައި ބަދަލުތައް މިއަދު އިއުލާނުކޮށްފައި ވާއިރު، ދެން އެންމެ އަވަހަށް އެ އިދާރާއިން ރޭންކިންތައް އިއުލާނުކުރާނީ އަންނަ މަހު އަށެއްގަ އެވެ.