19 Dec 2014, 09:15
ބްރަސަލްސް (ޑިސެމްބަރު18): ފަލަސްތީނުން އިޢްލާން ކޮށްފައިވާ މިނިވަން ދައުލަތަށް ބޭނުންވާ ސިޔާސީ އިގްތިސާދީ އަދި ޑިޕްލޮމެޓިކް އެހީތެރިކަން ދިނުމަށް ގޮވާލާ ގަރާރެއް ޔޫރަޕްގެ އިއްތިޙާދުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.
މިގަރާރު ފާސް ކުރުމަށް ޔޫރަޕްގެ ޕާލަމެންޓްގެ މެންބަރުންގެ ތެރެއިން ހަތަރު ސަތޭކަ ނުވަދިހަ އަށް މެންބަރުން ވޯޓު ދިންއިރު އިދިކޮޅަށް އަށްޑިހަ އަށް މެންބަރުން ވޯޓު ދީފައިވެ އެވެ. ބްރަސަލްސްގައި ހުންނަ ޔޫރަޕްގެ އިއްތިޙާދުގެ ޕާލަމެންޓުން ފާސްކުރި މިގަރާރަކީ ފަލަސްތީނުން އިޢްލާންކޮށްފައިވާ މިނިވަން ދައުލަތް ގަބޫލުކުރުމަށް ގޮވާލައި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ޕާލަމެންޓްތަކުން ފާސްކޮށްފައިވާ ގަރާރުތަކާ ކޮންމެވެސް ވަރަކަށް ތަފާތު ގަރާރެކެވެ. މިގޮތުން ޔޫރަޕްގެ އިއްތިޙާދުގެ ޕާލަމެންޓުން އިއްޔެ ފާސްކުރި ގަރާރުގައި ޔޫރަޕްގެ ޕާލަމެންޓުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތުރާފްވިކަން ބަޔާންކޮށްފައިނުވުމުގެ އިތުރުން ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފްވުމަށް ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަށް އިލްތިމާސްކޮށްފައެއް ނުވެ އެވެ. އެހެންކަމުން މިއީ ޔޫރަޕުން އިސްރާއީލަށް ދިން އިންޒާރެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ.
ނަމަވެސް ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތަށް ތާއީދު ކުރާކަމާއި އެދައުލަތަށް ބައިނަލްއަގްވާމީ ދާއިރާތަކުގައި އެއްބާރުލުން ދޭނެކަން ބަޔާންކޮށްފައިވެ އެވެ. މިދިޔަމަހު ސްވިޑްންގެ ސަރުކާރުން ފަލަސްތީނުގެމިނިވަން ދައުލަތްވަނީ ގަބޫލުކޮށްފައެވެ. އަދި އިނގިރޭސިވިލާތާއި އަޔަރލޭންޑާއި ސްޕޭންއާއި ފަރަންސޭސިވިލާތުގެ ޕާލަމެންޓްތަކުންވެސްވަނީ ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފްވުމަށް އެގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާގަރާރުތަކެއް ފާސްކޮށްފަ އެވެ. މީގެއިތުރުން ބެލްޖިޔަމްގެ ޕާލަމެންޓުންނާއި ޑޭންމާކުގެ ޕާލަމެންޓުންނާ ޕޯޗްގަލްގެ ޕާލަމެންޓުންވެސް ގެންދަނީ މިފަދަ ގަރާރެއް ފާސްކުރުމަށް ތައްޔާރުވަމުންނެވެ.
މި ގަރާރުތަކަކީ އެއަށް އަމަލުކުރުން އެގައުމުތަކުގެ ސަރުކާރަށް ލާޒިމް ކުރާ ގަރާރުތަކެއް ނޫންނަމަވެސް ފަރަންސޭސި ޚާރިޖީ ވަޒީރުވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދަށް އައުމުގެ ފުރްސަތު އިސްރާއީލުން ނުދީފިނަމަ 2016 ވަނަ އަހަރު ފަރަންސޭސި ސަރުކާރުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވާނެ ކަމަށް ވަޢްދުވެވަޑައިގެންފަ އެވެ. (އަލްޖަޒީރާ)