18 Dec 2014, 15:56
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ފެށުމުގެ ގޮތުން ބަންދުކުރި ސަރަހައްދުގެ ފެންގަނޑު ކުނިވެ، އެތަނުން ނުބައި ވަސް ދުވާތީ އާއްމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ހުޅުމާލެ ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށަން ހަމަޖެހިފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާ ހުޅުމާލެއާއި ކްލަބްފަރު ރިސޯޓާއި ދެމެދުގެ މޫދުގެ ސަރަހައްދެއްވަނީ ވަށައިގެން ބަންދުކޮށްފަ އެވެ.
ހުޅުމާލެ އިން ވާހަކަދެއްކި މީހަކު ބުނީ، އެ ސަރަހައްދުން ނުބައި ވަސް ދުވާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ދުވާ ވަހުން ގިނަ ބަޔަކު "ނޯންދަމާލަން" ނުކުރޭއިރު، އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުން އަންނަ ކަމަށް އެމީހާ ބުންޏެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ހަފްތާއެއްގެ ކުރިން ފެށިގެން ބަންދު ކޮށްފައިވާ އެ ސަރަހައްދުގެ ފެެންގަނޑު ކުނިވެފައިވަނީ އެތަނުން ފެންދައުރު ނުވާތީ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް ބަންދުކޮށްފައި އޮތް ސަރަހައްދުގެ ފެންގަނޑު ހުޅުވާލައި ފެން ދައުރުވާ ގޮތް ހަދަމުންދާ ކަމަށާއި މިއަދު ނުވަތަ މާދަމާގެ ނިޔަލަށް އެ ސަރަހައްދު ހުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ރަށު ތެރެއަށް ފެންގަނޑު ފެތުރިފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ފުދޭ ވަރަކަށް ބާރަށް ވައިޖެހުމުން. އަދި އެ ސަރަހައްދު ހުޅުވާލުމުން އެ ވަސްގަނޑުދާނީ މަޑުވަމުން،" ސުހައިލް ވިދާޅުވި އެވެ.
ބަންދުކޮށްފައިވާ އެ ސަރަހައްދުގެ ކިލާވެފައިވާ ފެންގަނޑު ހުޅުވާލުމުން، އެ ފެންގަނޑު ވަނީ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދަށް ފެތުރި، އެ ސަރަހައްދުން ވެސް ވަސް ދުވަން ފަށާފަ އެވެ.
ނަމަވެސް، އެ ފެންގަނޑު ކަނޑު ތެރެއަށްދާއިރު، އެކަން މައްސަލައަކަށް ނުވާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.