މާލޭ ސިޓީ ކައުންސިލްގެ އެކި ޑިޕާޓްމަންޓް ތަކުގެ ދަށުން މީގެ ކުރިން ކުރަމުންދިޔަ ބައެއް މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ޔުޓިލިޓީސް އެންޑް ޓްރާންސްޕޯޓާއި އެންވަޔަރަންމަންޓް ޑިޕާޓްމަންޓާއި ހާބާ މެނޭޖްމަންޓް ގުޅިގެން ހިންގަމުން ދިޔަ މަސައްކަތްތައް މިހާރު އެ މިނިސްޓްރީގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެކި ބޭނުންތަކަށް މަގުބަންދުކުރުމުގެ ހުއްދަ ދިނުމާއި މާލެސިޓީގެ ޕާކްތަކާ މައިދާންތަކުގެ އިތުރުން ހުސްބިންތައް ސާފުކޮށް ބެލެހެއްޓުމާއި މަގުތަކާއި ޕާކްތަކާއި މައިދާންތައް ދިއްލައި އަލިކުރުމާއި މާރުކޭޓުތައް ބެލެހެއްޓުމާއި ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި ގަބުރުސްތާނު ފަދަ ތަންތަން ބެލެހެއްޓުމުގެ މަސައްކަތްތައް މިހާރު ވަނީ އެ މިނިސްޓްރިގެ ދަށަށް ބަދަލުކޮށްފަ އެވެ.

އޭގެ އިތުރުން ޕާކިންޒޯންތައް ފާހަގަކުރުމާއި ޓްރެފިކް ނިޝާންތައް ހަރުކުރުމާއި މަގުތަކުގެ ކާނުތައް ސާފުކޮށް ބެލެހެއްޓުމާއި ކާނު ސާފުކުރުމާއި މަގު ކޮނުމުގެ ހުއްދަ ދޫކުރުމާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މާލޭ ފަޅުތެރެއިން ފައްތިޔާ ދޫކުރުމާއި ފީބަލައިގަތުން ފަދަ މަސައްކަތްތައް ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވީ ނަމަވެސް ކުރިއެކޭ އެއްގޮތަށް މެދުނުކެނޑި ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށާއި ޚިދުމަތް ލިބޭނީ ކުރިން ވެސް އެ ޚިދުމަތްތައް ދެމުން އަންނަ އިމާރާތްކަމަށްވާ ތައިސޭކޮށިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.