18 Dec 2014, 15:33
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހަތަރު ރަށެއްގެ ފެނުގެ ނިޒާމާއި ފަސް ރަށެއްގެ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި އަމަލީ މަސައްކަތް ސުޕަވައިޒް ކުރުމަށް އަލް-ހަބްޝީ ކޮންސަލްޓެންސް އާ މިއަދު ހަވާލުކޮށްފިއެވެ.
މިއަދު ޝީބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަރަމެންޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމާއި ހަވާލުވެލެއްވީ އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އަދި އަލް ހަބްޝީ ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމާއި ހަވާލުވެ ލެއްވީ ހަބްޝީ ކޮންސްޓްރަކްޝަން އޮފީހުގެ މެންބަރު އަބްދުﷲ އަލް ހަބްޝީއެވެ.
މިއަދުން ފެށިގެން ދެއަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރި މި މަޝްރޫއުގެ ދަށުން ބ. ތުޅާދޫއާ ނ. ވެލިދޫއާ ރ. ހުޅުދުއްފާރާއި ގއ. ކޮލަމާފުށި އަދި ގދ. ގައްދޫގެ ނަރުދަމާގެ ނިޒާމުގެ އިތުރުން ބ. ތުޅާދޫއާއި ނ.ވެލިދޫއާއި ރ. ހުޅުދުއްފާރު އަދި ގއ. ކޮލަމާފުށީގެ ފެނުގެ ނިޒާމް ޑިޒައިން ކުރުމާއި އަމަލީ މަސައްކަތް ސުޕަވައިޒް ކުރެވިގެން ދާނެކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތް އަލް-ހަބްޝީ ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ބޭއްވި ރައްސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ފުޅުދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ އެ މަޝްރޫއަކީ، އެ އަށް ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށެވެ. އަދި 2016 ވަނަ އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރު ވަރަށް ގިނަ ރަށް ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެން ދާނެ ކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
ހަތަރު ރަށެއްގެ ފެނުގެ ނިޒާމާއި ފަސް ރަށެއްގެ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި އަމަލީ މަސައްކަތް ސުޕަވައިޒް ކުރުމަށް މިއަދު ފެށި މަޝްރޫއަށް ޖުމްލަ 20 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެއީ އެމެރިކާ ޑޮލަރުގެ ފަންޑެއް ކަމުގައިވާ އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑު) އިން 18.91 މިލިއަން ޑޮލަރު އަދި ދިވެހި ސަރުކާރުގެ ފަރާތުން 1.09 މިލިއަން ޑޮލަރެވެ.