ސަރުކާރުން ކުރަން ބުނެފައިވާ ގޮތަށް އަތޮޅުވެރިކަން ކުރާ ރަށްރަށުގައި ހުރި އަތޮޅުގެތަކާއި ސަރުކާރުން އަތޮޅުގެތަކަށް ދޫކޮށްފައިވާ ހަރުމުދަލާއި ވެހިކަލްތަކާއި ލޯންޗްތަކުގެ ރަޖިސްޓްރީ އެއަތޮޅެއް ހިމެނޭ ޕްރޮވިންސް އޮފީހަށް ބަދަލު ނުކުރެވޭނެ ކަމަށް ފުންނާބު އުސް ބައެއް ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ބަންޑާރަ ނައިބު އަދި ކާމިޔާބު ވަކީލާ އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ލާމަރުކަޒީ ގާނޫނަށް މިހާރު އަމަލު ކުރަން ފަށާފައިވާއިރު މުދާ ބަދަލު ކުރެވޭނީ ކައުންސިލްތަކުގެ އިންތިހާބަށް ފަހު ކަމަށެވެ. އަދި އެއީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ގާނޫނުގެ 128 ވަނަ މާއްދާގައި، އަތޮޅު އޮފީހުގެ ގޮތުގައި ހިންގަމުން އައި އޮފީސް މި ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު ހިންގަމުން އަންނާނީ އަތޮޅު ކައުންސިލްގެ އިދާރާގެ ނަމުގައި ކަމަށް ބުނެފައިވާތީ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"މުދާތައް ހުންނާނީ އޮފީހުގެ ނަމުގައި. މިހާރު އެ އޮފީހުގެ މުދާތައް ގާނޫނަށް އަމަލު ކުރަންފެށުމާ އެކު އެހެރީ އަތޮޅު ކައުންސިލްތަކުގެ ނަމުގައި. އެހެންވީމާ އަތޮޅު ކައުންސިލްތަކުގެ ނަމުގައި ހުރި އެއްޗެއް ސަރުކާރަކަށް ބަދަލެއް ނުކުރެވޭނެ،" އާޒިމާ ވިދާޅުވި އެވެ.

މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނައިބު ރައީސް ޝާހީން ހަމީދު ވެސް މިއަދު ވިދާޅުވީ ކައުންސިލްތައް އުފެއްދުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށާއި އެގޮތުގެ މަތިން މިހާރު އެމަނިކުފާނު ކައުންސިލްތައް އުފައްދަވާފައިވާ ކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ގާނޫނުގެ 129 ވަނަ މާއްދާގައި ބުނާ ގޮތުން ނަމަ އަތޮޅު އޮފީހުގެ ނަމުގައި ހުރި މުދާތައް ކައުންސިލްގެ ދަށަށް ދާއިރު އެ ކައުންސިލްތަކުގެ ބަހެއް ނެތި މުދާ ބަދަލު ކުރެވޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ޝާހީން ވިދާޅުވި އެވެ.

"ކައުންސިލްތަކުގެ މުދާތައް އެއީ އެހެން ބަޔަކު ބަލަހައްޓަމުން ދިޔަ [އެއްޗެއް] ނަމަވެސް އެ މުދާތައް ވާނީ ކައުންސިލްގެ މުދަލަށް. އެހެން ބަޔަކު އެ މުދާތައް ބަލަހައްޓަމުން މިހާރު ދިޔަ ނަމަވެސް އެ ވާނީ އަމާނާތެއްގެ ގޮތުގައި ބަލަހައްޓަނީ ކަމަށް. އަޅުގަނޑު ދެކޭ ގޮތުގައި ކައުންސިލްތައް މިހާރު ވަނީ އުފެދިފައި. އެހެންކަމުން ކައުންސިލްތަކުގެ ބަހެއް ނެތި މުދާ ރައްކާތެރި ކުރުން ނޫން ގޮތެއްގައި މިލްކުވެރިކަން ބަދަލު ކުރާ ނަމަ އެ ވާނީ ގާނޫނާ ހިލާފް ކަމަކަށް،" ގާނޫނީ ދާއިރާގައި 20 އަހަރު ހޭދަ ކުރައްވާފައިވާ ތަޖުރިބާކާރު ވަކީލު ވިދާޅުވި އެވެ.
ސަރުކާރުން ގާއިމުކޮށްފައިވާ ޕްރޮވިންސް އޮފީސްތައް މެދުވެރިކޮށް ހޯމް މިނިސްޓްރީން އަތޮޅު އޮފީސްތަކަށް މިއަދު ވަނީ މުދާތައް ބަދަލު ކުރުމަށް އަންގައިފަ އެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ އަތޮޅުވެރިކަން ކުރާ ރަށްރަށުގައި ހުރި އަތޮޅުގެ އާއި އަތޮޅުގެއަށް ސަރުކާރުން ދޫކޮށްފައިވާ ވޭނާއި ލޯންޗްތަކުގެ ރަޖިސްޓްރީ އެ އަތޮޅެއް ހިމެނޭ ޕްރޮވިންސް އޮފީހެއްގެ ނަމަށް "މިހިނދުން މިހިނދަށް ބަދަލު ކުރުމަ"ށެވެ. .