ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޓެކްނިކަލް ޑައިރެކްޓަރެއްގެ މަގާމަށް ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ހަވާލުވެއްޖެއެވެ.

އޭނާ އެ މަގާމާ ހަވާލުވީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ނެވެ. މީގެ ކުރިންވެސް އެފްއޭއެމްއަށް ޚިދުމަތްކޮށްދިން މޯހަން ބުނީ އޭނާ އެ މަގާމާ ހަވާލުވީ އެ އެސޯސިއޭޝަންގެ އެދުމުގެ މަތިން ކަމަށެވެ. އޭނާ ގެ މައްސޫލިއްޔަތަކަށް ވާނީ އެފްއޭއެމްގެ ޑިވަލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުމާއި ގައުމީ ޓީމުގެ ކަންތައްތައް ބެލެހެއްޓުމުގެ އިތުރުން އެފްއޭއެމްގެ ކޯޗިންގް ކަންކަން ބެލެހެއްޓުން ކަމަށް ވެސް މޯހަން ބުންޏެވެ.

'ސަން' އަށް މައުލޫމާތު ދެމުން މޯހަން ބުނީ އެ މަގާމާއި އެނާ ހަވާލުވީ ރާއްޖޭގެ ފުޓްބޯޅައަށް ޚިދުމަތްކޮށްދޭން ބެނުންވާތީ ކަމަށާއި، ރާއްޖޭގައި ފުޓްބޯޅަ ތަރައްގީކޮށް ކުރި އެރުވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި އެ މަގާމުގައި ހުއްޓަސް ކޯޗުކަން ކޮށްދިނުމުގެ މަސައްކަތް ކޮންމެވެސް އެއް ސިފައެއްގައި ކުރިއަށް ގެންދާނެ ކަމަށްވެސް މޯހަން ބުންޏެވެ.

އެންމެ ފަހުން 2008 ވަނަ އަހަރު އެފްއޭއެމްއަށް ޚިދުމަތް ކޮށްދިން މޯހަން އެ އަހަރު އަދާކުރީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ މަގާމެވެ. އެ އަހަރު ރާއްޖޭގެ ގައުމީ ޓީމު ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލައިލިއިރު، މޯހަން އެ އަހަރު އެ މަގާމުން ވަކިވެ އެފްއޭއެމްއާ ދުރުވީ އެ އެސޯސިއޭޝަންގެ ރައީސްކަމަށް އޭނާގެ ބޭބެ އަލީ އާޒިމް އިންތިހާބު ވުމުންނެވެ.

ގައުމީ ޓީމަށް ދިގު މުއްދަތަކަށް ކޯޗެއްގެ ގޮތުގައި ޚިދުމަތް ކޮށްދިނުމުގެ އިތުރުން މޯހަން ވަނީ ރާއްޖޭގެ ކޯޗިންގް ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ 2009 ވަނަ އަހަރުން 2012 ވަނަ އަހަރަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ކޯޗުކަން ކޮށްދީފައި ވާއިރު، 2012 ވަނަ އަހަރު އޭނާގެ ކޯޗުކަމުގެ ދަށުން އެ ކްލަބް ވަނީ ދިވެހި ލީގުގެ އެއްވެސް މެޗަކުން ބަލުނުވެ އެ ލީގު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އޭއެފްސީން މިއަހަރު ކެމްބޯޑިއާ އާއި މޮންގޯލިއާގައި ބޭއްވި ކޯޗިންގް ކޯހުގައި އިންސްޓްރަކްޓަރެއްގެ މަގާމު އަދާކޮށް، ބޭރު ގައުމެއްގައި ބޭއްވި ކޯޗިންގް ކޯހެއްގައި އިންސްޓްރަކްޓަރުކަން އަދާކުރި ފުރަތަމަ ދިވެހި ކޯޗުގެ ފަހުރުވެސް ހާސިލް ކޮށްފައެވެ.