18 Dec 2014, 14:30
ކާޑުގެ ބާވަތްތަކުން ޑިއުޓީ ނުނަގާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.
މިބިލު ތަސްދީޤު ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައެވެ.
ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ މި ބިލު ހުށަހެޅި އިރު ބިލުގައި އޮތީ ކާޑުގެ ބާވަތްތަކުން 10 ޕަސެންޓް ޑިއުޓީ ނަގާ ގޮތަށެވެ. ނަމަވެސް މި މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކާޑުގެ ބާވަތްތަކުން އެއްވެސް ވަރަކަށް ޑިއުޓީ ނުނަގާ ގޮތަށް ނިންމާފައި އެވެ.
ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފައި ވަނީ މިދިޔަ އަންގާރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ބިލް ފާސްކުރަން ފެންނަ ކަމަށް 49 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ. އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް 16 މެމްބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ.
ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މުހައްމަދު އިސްމާއިލް ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައިވާ ގޮތުން ރާއްޖެ އަށް އެތެރެ ކުރާ ކޮންމެ ސިނގިރެޓަކުން 1.25 ރުފިޔާގެ ޑިއުޓީއެއް ނަގަން ޖެހޭނެ އެވެ. ނަޝީދުގެ ސަރުކާރުގައި ފެށިގެން ރާއްޖެއަށް އެތެރެ ކުރާ ކޮންމެ ސިނގިރެޓަކުން ނަގަމުން އަންނަނީ 90 ލާރިގެ ޑިއުޓީކެވެ. އޭގެ ކުރިން ނަގާފައި ވަނީ 30 ލާރީގެ ޑިއުޓީ އެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ބިލުގައި ބުނެފައިވާ ގޮތުން ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން 200 ޕަސެންޓް ޑިއުޓީއެއް ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.
ބިލުގައިވާ ގޮތުން ކޮސްމެޓިކްސްގެ ބާވަތްތަކުން ފަސް ޕަސެންޓުގެ ޑިއުޓީ ނަގަން ޖެހެ އެވެ. އަދި ލަގްޒަރީ ކޮސްމެޓިކްސްގެ ބާވަތްތަކުން 20 ޕަސެންޓުގެ ޑިއުޓީއެއް ނަގުން ލާޒިމެވެ. އަދި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހީގައި ހަރުކޮށްފައި ހުންނަ ބިއްލޫރި އާއި އެ އުޅަނދުތަކުގައި ބިއްރޫލިން ތައްޔާރުކޮށްފައި ތަކެތިން 50 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ބިލުގައި ބުނެފައިވެ އެވެ. އަދި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހީގެ އިންޖީނާއި އޭގެ ބައިބައިން 50 ޕަސެންޓް ޑިއުޓީ ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.
ފަތުރުވެރި ކަމަށް ބޭނުންކުރުމަށް ގެންނަ ކަނޑުގައި ދުއްވާ ލަގްޒަރީ އުޅަނދުފަހަރުން ޑިއުޓީ ނެގުން ހުއްޓާލުމަށް ބިލުގައި ބުނެފައިވެ އެވެ. ރަނުގެ މައުދަނުން މިހާރު ނަގަމުން އަންނަ 25 ޕަސެންޓުގެ ޑިއުޓީ ނެގުން ހުއްޓާލުމަށް ބިލުގައި ވަނީ ހުށަހަޅާފަ އެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނު ދަށުން ރާއްޖެ އަށް އެތެރެ ކުރާ 17 ބާވަތަކުން ޑިއުޓީ ބޮޑު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިރު، މި އަހަރު ކުރީ ކޮޑު 21 ބާވަތަކުން ޑިއުޓީ ބޮޑު ކުރަން މަޖިލީހުން ފާސްކުރި ބިލް ރައީސް ޔާމިން އަބްދުލްގައްޔޫމް ވަނީ ތަސްދީގު ކުރައްވާފަ އެވެ.
ގާނޫނުގެ ދަށުން ޑިއުޓީ ބޮޑުކޮށްފައިވާ ބާވަތްތަކަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑިއުޓީ ކުޑަކޮށް، އަދި ޑިއުޓީ ނެގުން ހުއްޓާލި ބާވަތްތަކެވެ. މީގެ ދެ އަހަރު ކުރިން 2011 ވަނަ އަހަރު ބައެއް ބާވަތްތަކުގެ ޑިއުޓީ ކުޑަ ކުރީ އެކްސްޕޯޓް އިންޕޯޓް ޑިއުޓީގެ ބިލަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި އިސްލާހަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުންނެވެ.