ވިލިމާލެ ކުޑަކުދިންގެ ހިޔާއިން ފިލި ތިން ކުއްޖަކު ފުލުހުންގެ މަސައްކަތުން ހޯދައި އަނބުރާ އެތަނާ ހަވާލުކޮށްފި އެވެ.
ވިލިމާލެއިން ވާހަކަދެއްކި މީހަކު ބުނީ ރޭ 8:30 އެހައިކަންހާއިރު އެ ތިން ކުދިން ފިލަންވެގެން ސިނަމާލެ 4 ފްލެޓްގެ ފަސް ވަނަ ބުރިން މައްޗަށް އަރަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެ ކުދިން ގެންގޮސްފައިވާ ކަމަށެވެ.

"އެކުދިން ފްލެޓްގެ ތެރެއަށް ފިލަން ވަނީ ގާތްގަނޑަކަށް ރޭ 8:30 ހާއިރު. އެކުދިން ނުނެރެވިގެން އެތަށް ފަހަރަކު ސިފައިން އައިސް އުޅުނު. ތިން ފަހަރު މަތިން ފުލުހުން އައި. އެކުދިން ފްލެޓުން ނެރެގެން ގެންދެވުނީ ގާތްގަނޑަކަށް ރޭ 11:00 ހާއިރު،" ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ ކުޑަކުދިންގެ ހިޔާއިން ފިލަން މަސައްކަތް ކުރި ތިން ކުދިންނަކީ ގާތްގަނޑަކަށް 15 އަހަރުގެ ކުދިންތަކެއް ކަމަށާއި އެ ހުރިހާކުދިން އަނބުރާ ކުޑަކުދިންގެ ހިޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާގޮތުގައި މީގެ ދެދުވަސް ކުރިންވެސް ކުޑަކުދިންގެ ހިޔާއިން ކުދިންތަކެއް ވަނީ ފިލަން މަސައްކަތްކޮށްފައެވެ.

އެ ހާދިސާއާ ގުޅޭގޮތުން ކުޑަކުދިންގެ ހިޔާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.