18 Dec 2014, 14:05
ދައުލަތަށް ޓެކްސް ދެއްކުމަށް އެލަޔަންސް މެނޭޖްމަންޓު ސާވިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ އެކުންފުނި ޖޫރިމަނާ ކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ އެ ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެލަޔަންސް މެނޭޖްމަންޓު ސާވިސް ކޮމްޕެނީ އިން ފައިސާ ދައްކައި ޚަލާސްކޮށްފައިނުވާކަން، މީރާ އާއި އެކުންފުނީގެ ފަރާތުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އެ ކުންފުނި 150 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ކިޔަމަންގަތުމަށް ވެސް އެ ހުކުމްގައި އެ ކުންފުންޏަށް ވަނީ އަންގާފަ އެވެ.
އެކުންފުނިން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ހުކުމްގައި އެ ކުންފުންޏަށް ވަނީ އަންގާފަ އެވެ.