18 Dec 2014, 13:12
ފީފަގެ 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑާ ބެހޭގޮތުން އޭނާ ނެރުނު ރިޕޯޓާމެދު ފީފާއިން އަމަލު ކުރިގޮތް ކުށްވެރިކޮށް، އެ އިދާރާގެ އިންޑިޕެންޑެންޓް އެތިކްސް އިންވެސްޓިގޭޓާ މައިކަލް ގާސިއާ މާގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފީފާގެ މައްސަލަތައް ތަހުގީގު ކުރަން އެކުލަވާލެވިފައިވާ ކޮމިޓީގެ އެންމެ އިސް މަގާމް އަދާކުރަމުން އައި ގާސިއާ މާގަމުން އިސްތިއުފާ ދިނުމަށްފަހު ވިދާޅުވީ ވޯލްޑް ކަޕް ބިޑުތަކާ ގުޅިގެން ފެންމަތިވި މައްސަލަތަކުގައި ފީފާއިން އަމަލުކޮށްފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އަދި އެތިކްސް ކޮމިޓީގައި އޭނާއާއެކު މަސައްކަތްކުރި ބައެއް ފަރާތްތަކުގެ އިތުބާރެއް ނެތް ކަމަށާއި، އޭނާގެ ރިޕޯޓް ފީފާއިން އާންމުކޮށްފައި ވަނީ ގެންނަން ނުޖެހޭ ބަދަލުތަކަކާ އެކީ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން އިސްތިއުފާދޭން މި ގަސްދުކުރީ ފީފާއިން މިފަދަ ކަންކަމުގައި ޒިންމާދާރުކަން ކުޑަވުމުން. އަހަރެން އެކުލަވާލި ރިޕޯޓާއި، އެ ރިޕޯޓު ހުލާސާ ކުރެވިފައި ވާގޮތާ އަޅާބަލާއިރު، އެ ދެ ލިޔުމުގައި އެއްވެސް ގުޅުމެއް ނެތް. އެކާޓް އެ ރިޕޯޓު ހުލާސާކޮށްފައި ވަނީ އެއްވެސް އުސޫލެއް ހަމައެއްގެ މަތިންނެއް ނޫން. މިނިވަން ހިންގާ ކޮމިޓީއަކަށް ވިޔަސް، ނުވަތަ މައްސަލަ ބަލާ މީހަކަށްވެސް ފީފާގެ ސަގާފަތް މިހާރު ބަދަލުކުރުމަކީ ވަރަށް ދަތި ކަމެއް،" ގާސިއާ ބުންޏެވެ.
ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑަށް ހުޅުވާލުމުން، ރަޝިއާ އާއި ގަތަރުން އެ ދެ ބިޑު ކާމިޔާބުކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް އެކި ފަރާތްތަކުން ފީފާއަށް ތުހުމަތު ކޮށްފައި ވާއިރު، ގާސިއާ ވަނީ އެކަމާ ގުޅޭގޮތުން 430 ސަފްހާގެ ރިޕޯޓެއް އެކުލަވާލާފައެވެ. އެ ރިޕޯޓް ފީފާއިން އާންމުކޮށްފައި ވަނީ 42 ސަފްހާގެ ޚުލާސާ ބަޔާނެއްގެ ގޮތުގައެވެ. އެ ޚުލާސާ ބަޔާން ރަނގަޅު ނޫން ކަމަށް ބުނެ ގާސިއާ ފީފާއަށް މައްސަލަ ހުށައެޅުމުން، ފިފާއިން ވަނީ އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ.
ގާސިއާ މާގާމުން އިސްތިއުފާ ދިނުމާ ގުޅިގެން ފީފާގެ ރައީސް ސެޕް ބްލެޓާ ވިދާޅުވީ އޭނާ އިސްތިއުފާ ދިނިމުން އެކަމާމެދު ހައިރާން ވާކަމަށެވެ. ނަމަވެސް ފީފާގެ އެތިކްސް ކޮމިޓީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް ވެސް ބްލެޓާ ވިދާޅުވު އެވެ.
ގާސިއާ އިސްތިއުފާ ދިނުމާ ގުޅިގެން ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އޫއެފާގެ ރައީސް މައިކަލް ޕްލެޓިނީ ވިދާޅުވީ ފުޓްބޯޅައާ ބެހޭ ހުރިހާ މުއައްސަސާ ތަކަކުންވެސް ފިފާގެ ފަރާތުން ދެފުއް ފެންނަ ގޮތަކަށް ކަން ކުރަން އެދޭކަމަށާއި، ގާސިއާގެ އިސްތިއުފާއަކީ ފީފާގެ ވަރަށް ބޮޑު ވެއްޓުމެއް ކަމަށެވެ. އަދި 2018 އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑުގެ މަސައްކަތުގައި ފީފާއާއެކު މަސައްކަތްކުރި ފައިދްރާ އަލްމާޖިދް ބުނީ ފީފާގެ ގަވައިދުތަކަކީ 'ބޮޑު ސަކަރާތެއް' ކަމަށާއި، ގާސިއާ ޝާއިރުކުރިފަދަ ތަފްސީލީ ރިޕޯޓަކަށްވެސް ފީފާގެ ސަގާފަތް ދެން މިހާރު ބަދަލު ނުކުރެވޭނެ ކަމަށެވެ.
ގާސިއާގެ ރިޕޯޓާމެދު މަޝްވަރާކޮށް، އެ ރިޕޯޓު އާންމު ކުރުމާ މެދު ނިންމުމެއް ނިންމަން ފީފާއިން ވަނީ މި ހަފްތާތެރޭ މޮރޮކޯގައި އެ އިދާރާގެ ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ.