18 Dec 2014, 12:58
ހައިކޯޓުން ނިންމާފައިވާ ޝަރީއަތްތަކުގެ ރިޕޯޓުތައް އެކުލެވޭ ގޮތަށް "ހައިކޯޓުގެ ރިޕޯޓާ"ގެ ނަމުގައި ފޮތެއް ނެރެފި އެވެ.
ހައިކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ ޖަސްޓިސް ރިޓަޔާޑު މުޖުތާޒު ފަހުމީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައިކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ސިލްސިލާގޮތެއްގައި އެ ފޮތް ނެރުމަށް ނިންމާފައިވާ ކަމަށާއި މިހަހަރުގެ ފޮތުގައި އަލިއަޅުވާލާފައި ވަނީ ހައިކޯޓުން ނިންމާފައިވާ އާއިލީ މައްސަލަތަކަށް ކަމަށެވެ.
ސަމީރު ވިދާޅުވީ ހަމައެކަނި ޝަރީއަތް ކޮށްގެން ކޯޓުތަކުން ފަރުޖައްސާލެވެން ނެތް ކަމަށާއި އިޖުތިމާއީ ޒިންމާ ވެސް ކޯޓުތަކުން އަދާކުރަންޖެހޭ ކަމަށެވެ.
ދަރިންގެ ޚަރަދު ނުދީފިނަމަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އެ ޚަރަދު ހޯދައިދިނުމަށް ބޭރު ގައުމުތަކުގެ ކޯޓުތަކުން މަސައްކަތް ކުރާ ކަމަށް ވެސް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.
"ދަރިންގެ ޚަރަދު ނުދީފިއްޔާ ކޯޓުތަކުން އަމަލުކުރާ ގޮތެއް އެ ޚަރަދު ލިބެންދެން މަޑެއް ނުކުރާނެ. މިސާލަކަށް ފަންސުރު ފޮތް ނުގަނެވެނީ، ކުދިންގެ ޚަރަދު ނުދީފިއްޔާ އެ ނުގަނެވެނީ. އެހެންވެއްޖެއްޔާ ކޯޓުގެ ބެލުމުގެ ދަށުން އެ އެއްޗިހި ފޯރުކޮށްދޭނެ. ފޯރުކޮށްދިނުމަށްފަހު ދެން އެ މީހާއަތުން ހޯދަންޖެހޭ ފައިސާއެއް ހޯދުން އެއީ ވަކި މައްސަލައެއްގެ ގޮތުގައި. އެހެންނަމަވެސް ކޯޓުގެ ޒިންމާ އޮވޭ އެކަން ހަމަޖެއްސުން އެހެން މުއައްސަސާތަކާ ގުޅިގެން. އެއީ އަޅުގަނޑަށް ހީވަނީ ތައާރަފްކުރަން ވަރަށް ރަނގަޅު ކަމެއް ހެން ކުރިއަށް އޮތް މުސްތަގުބަލުގައި،" ސަމީރު ވިދާޅުވި އެވެ.
ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ކިޔަވާ ކުދިންނާއި ދިރާސާ ކުރާ ފަރާތްތައް އެ ފޮތުގެ ސަބަބުން ހޭލުންތެރިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ އެ ފޮތުގައި ހިމަނާފައި ވާނީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ދުވަހުން ފެށިގެން މިހާތަނަށް ހައިކޯޓުން ނިންމާފައިވާ 57 މައްސަލަ ހިމެނިފައިވާ ކަމަށެވެ.
އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ހަޟާނާތުގެ 20 މައްސަލަ އަކާއި ޚަރަދުގެ ހަތް މައްސަލަ އަކާއި ދަރިލެއްވުމާއި ދަރިން އަނބުރާ ހޯދުމުގެ ހަތަރު މައްސަލަ އަކާއި ކައިވެނި، ވަރި އަދީ ވަލީގެ ހަ މައްސަލަ އަކާއި މައިންބަފައިން ބެލުމާއި ޝަރުއީ ބަލަދުވެރިކަމުގެ ދެ މައްސަލަ އަކާއި ކޯޓު އަމުރުގެ 16 މައްސަލަ އަކާއި އުމުރު ސާބިތުކުރުމުގެ ދެ މައްސަލައެއް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފޮތް އެކުލަވާލާފައި ވަނީ ގަޒިއްޔާތަކުގައި ހުރި މީހުންގެ ޒާތީ މައުލޫމާތުތައް އުނިކުރުމަށް ފަހު ކަމަށެވެ.