މިދިޔަ ހަފްތާގައި މާލޭގައި ހިނގި އެކްސިޑެންޓުގައި ބާރު ސްޕީޑުގައި ދުއްވި ޕިކަޕުގެ ޑްރައިވަރުގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. އެމީހާގެ މައްޗަށް ކުރިން ޖެހި 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެކެއްގަ އެވެ.

އެ އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވެފައިވާ އިރު އޭގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ ކުޑަ ކުއްޖާ ހއ. ކެލާ، ޝަދުވާން ޝާފިއު، ނިޔާވެފައި ވަނީ އޭނާ އަށް ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ފަރުވާދެމުން ގެންދަނިކޮށެވެ. އަދި އަނިޔާވި މީހުންގެ ތެރޭގައި ހިމެނޭ 54 އަހަރުގެ އަންހެން މީހާ އާއި އިތުރު އަންހެނަކަށް އޭޑީކޭ އިން ފަރުވާދިނުމަށް ފަހު ދޫކޮށްލައިފައިވާ އިރު، މަރުވި ކުޑަ ކުއްޖާގެ ބައްޕަ އަށާއި އިތުރު ފިރިހެނަކަށް ވަނީ އޭޑީކޭގައި ފަރުވާދީފަ އެވެ.

އެ އެކްސިޑެންްޓް ހިނގަން މެދުވެރިވީ ޕިކަޕެއް ކޮންޓްރޯލު ނުކުރެވިގެން ގޮސް ދުއްވާފައި ދިޔަ ތިން ސައިކަލަކާ އެކު، ޕާކުކޮށްފައި ހުރި ތިން ސައިކަލެއްގައި ޖެހިގެން ނެވެ. އެވަގުތު އެސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ވެސް އެ ޕިކަޕު ޖެހުނެވެ.