18 Dec 2014, 11:59
ލާމަރުކަޒީ ގާނޫނުގައި ސިޓީ ކައުންސިލަށް ކިތަންމެ ގިނަ ބާރުތަކެއް ދީފައިވީ ނަމަވެސް ސަރުކާރުން ދަނީ ސިޓީ ކައުންސިލްގެ ބާރުތައް ހަނި ކުރަމުންކަމަށް މާލެ ސިޓީ ކައުންސިލްގެ މަޭޔަރު މުހައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތަކަކާއި މުވައްޒަފުންތަކެއް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން "ސަން" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޝިހާބު ވިދާޅުވީ ސަރުކާރުން އެފަދަ ކަންތައް ކުރުމުގެ ސަބަބުން އާހިރުގައި ގެއްލުން ލިބެނީ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ. އަދި ހަމައެއާ އެކު މިސަރުކާރުން ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ލާމަރުކަޒީ ގާނޫނުގައި ރަށު ކައުންސިލްތަކަށް ވެސް އަދި ސިޓީ ކައުންސިލްތަކަށް ވެސް ބާރުތައް ދީފައިވޭ. އެހެންނަމަވެސް ސަރުކާރުން މިއުޅެނީ އެ ބާރުތައް ހަނިކުރަން. ދެން އައިސް ގާނޫނަކަށް ގާނޫނު އަސާސީ އަށް ނުބަލާ މި ސަރުކާރުން ކަންތައް ކުރުމުން އާހިރުގައި އެކަމުގެ ގެއްލުން މި ލިބެނީ ހަމަ ރައްޔިތުންނަށް." ޝިހާބު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ބަދަލު ކުރަނީ ކިތައް މުވައްޒަފުން ކަމެއް އަދި އެކަމުގެ އިތުރު ތަފްސީލެއް އެބޭފުޅާ ނުދެއްވަ އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިހާބު ވިދާޅުވީ 350 ވަރަަކަށް މުވައްޒަފުން ބަދަލުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މުނިސިޕަލް މަސައްކަތް ކުރާ މުވައްޒަފުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.