އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވަޒީފާގައި ހުރެ ލޯކަލް ކައުންސިލް އިންތިހާބަށް އެ ކޮމިޝަނުގެ އެސިސްޓެންޓް އޮޑިޓާ ފަރުހަތު ނަސީމަށް ކުރިމަތިލެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޭސީސީއާ ދެކޮޅަށް ފަރުހަތު ދައުވާ ކުރެއްވި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ 18 އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށް އިންތިހާބުތަކުގައި ވާދަ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ކޮންމެ މީހަކަށް ކަށަވަރުކޮށްދޭ ކަމަށާއި އެއްވެސް ހައްގެއް ހަނި ކުރެވޭނީ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.

އެ ހުކުމުގައި ބުނެފައި ވަނީ އޭސީސީގެ ގާނޫނުގައި އެ ކޮމިޝަނުގެ މުވައްޒަފަކު ސިޔާސީ އިންތިހާބެއްގައި މުވައްޒަފެއްގެ ގޮތުގައި ހުރެ ވާދަ ނުކުރެވޭނެ ކަމަށް ބުނެފައި ނުވާ ކަމަށެވެ. އަދި އޭސީސީގެ ގާނޫނާ ގުޅިގެން ހަދަން ޖެހޭ ގަވާއިދުތައް ހަދައި އިސްލާހު ކުރުމުގެ ބާރު އޭސީސީއަށް ލިބިފައިވީ ނަމަވެސް އެކަމަކާ މެދު ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އެއްވެސް ފަރާތަކަށް އިސްލާހެއް ނުގެނެވޭނެ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

"އިންތިހާބުތަކުގައި ބައިވެރިވުމުގެ ހައްގަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ ހައްގެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ކަށަވަރުކޮށްދީފައިވާ ހިނދު، އަދި މި ހައްގު ހަނި ކުރެވޭނީ ގާނޫނު އަސާސީގައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަން ގާނޫނު އަސާސީގައި ބަޔާންކުރާ ހިނދު، މި ނޫން ގޮތަކަށް މި ހައްގު ހަނި ކުރުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިބިގެން ނުވޭ،" އެ ހުކުމުގައިވެ އެވެ. "[އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ] ފަރުހަތު ނަސީމަށް އަންގާފައިވާ އެންގުމަކީ ބާތިލް އެންގުމެއް ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާގައި ދެމިހުރެ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ހައްގު ރ. މާކުރަތަ، މަލަ ފަރުހަތު ނަސީމަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ހުކުމްކޮށްފިން."