14:30


މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް 32 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައި ވަނީ މިދިޔަ މަހު ހުޅުވާލާފައިވާ އެފުރުސަތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް 32 ފަރާތަކުން ކުރިމަތިލާފައިވާއިރު، އެ އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ތިން ފަރާތަކުން އަދި އެ އޮޓޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ހަތް ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެ ކަންކަމަށް އެދި ކުރިމަތުލުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.


މި ކަންކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ޝަރުޠު ހަމަވޭތޯ ބައްލަވައި، އަދި އެފަރާތްތަކުގެ މަޢްލޫމާތުތައް ދިރާސާ ކުރެއްވުމަށްފަހު، އެކަންކަމަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންތައް، ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށް ރައީސްގެ އޮފީހުން ބުނެ އެވެ.