ހައްދުފަހަނައަޅާފައިވާ ވިސްނުންތަކާ ދެކޮޅަށް އެމެރިކާއާ އެކު ރާއްޖެ އިން މަސައްކަތް ކޮށްދޭން އެމެރިކާ އިން އެދިއްޖެ އެވެ.

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‏‏އެފެއާޒް ނިޝާ ބިސްވާލް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެފަދަ މަސައްކަތްތައް ކުރުމުގައި ރާއްޖެއަކީ ގާބިލު ބައިވެރިއެއްކަން ދައްކާފައިވާ ކަމަށެވެ.

"... ކަނޑުފޭރޭމީހުންނާއި، ހައްދުފަނައަޅާފައިވާ ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ކަންކަމާ ކުރިމަތިލުމުގައި ދެ ޤައުމު އެކުއެކީގައި ކުރަމުން އައި މަސައްކަތް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން އެދެމެވެ. އަދި މިފަދަ ކަންކަމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއަކީ ގާބިލް ބައިވެރިއެއްކަން ވަނީ ދައްކައި ދީފަ އެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި އޭނާ އަދި ވިދާޅުވެފައި ވަނީ އަދި ދުނިޔޭގެ އެހެން ގައުމުތަކަށް ނުފޫޒުފޯރުވޭ ފަދަ ލާމަސީލު ޓޮލަރަންޓް، ޑިމޮކްރެޓިކް މުސްލިމް މުޖްތަމައަކަށް ވުމުގެ ގާބިލުކަން ދިވެހީންގެ ކިބައިގައި އެބަހުރި ކަމަށެވެ. ޅަ ޑިމޮކްރަސީއަކަށް ވެސް ހާސިލު ކުރެވިދާނެ ގިނަ ކަންތައްތަކެއް މި ހިނގައި ދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ވަނީ ދުނިޔެއަށް ދައްކައިދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އިންރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރާއި ރައްޔިތުންނާ އެކު އެމެރިކާ އިން މަސައްކަތް ކުރާނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ. އެގޮތުން، ވިޔަފާރި އާއި އިންވެސްޓްމަންޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ދެ ގައުމުގެ ދެެމެދު ބޭއްވި ފުރަތަމަ ބައްދަލުވުން ފަހު ރާއްޖެއާ އެކު ބާއްވާ މަޝްވަރާތައް ކުރިއަށް ގެންދަން އެމެރިކާ ބޭނުންވާ ކަމަށް ވެސް ނިޝާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މާލޭން ފެނުގެ ހިދުމަތް ކެނޑުމާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ތައުރީފު ކުރެއްވުމަށް ފަހު އޭނާ ވިދާޅުވެފައި ވަނީ ރައްޔިތުން އެމެޖިންސީ ހާލަތަށް ތައްޔާރުކުރުމަށް އެމެރިކާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"ދިގު މުއްދަތަށް ފެން އުފައްދައި އާއްމުންނަށް އެ ފެން ފޯރުކޮށް ދެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތުގައި ދިވެހި ސަރުކާރާ އެކު އެމެރިކާ އިން މަސައްކަތް ކުރާނެ. އަދި ވާރޭފެން ނެގުމާއި ލޮނުން ފެން އުފައްދާނެ ވަސީލަތްތައް ގާއިމް ކުރުމުގައި ވެސް އެމެރިކާ އިން އެހީތެރި ވެދޭނެ،" ބަޔާނުގައިވެ އެވެ.