ރާއްޖޭގެ ގައުމީ ޓީމުގެ ޑިފެންޑަރު ރިޟުވާން ވަހީދު (ރިލޭ) މިއަހަރުގެ ކުރީކޮޅު ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުން ވަކިވުމަށްފަހު އަނެއްކާވެސް ނިއަށް ސޮއެކޮށްފިއެވެ.

މިއަދު ނިއުރޭޑިއެންޓްގެ އޮފިޝަލް ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ބާޔާނެއްގައި ބުނެފައި ވަނީ ރިލޭ އެ ޓީމަށް ސޮއިކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ރިލޭއާ ވާލާދީ ނިއުރޭޑިއެންޓުން ބުނީ އޭނާ ނިއުއަށް ބަދަލުވީ ގިނަ ސަޕޯޓަރުންވެސް އެކަން ދެކެން ބެނުންވާތީ ކަމަށާއި، ނިއުގެ ސަޕޯޓަރުންނަށް އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ދައްކުވައިދޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ ސީޒަންގައި ނިއު ހޯދި ކާމިޔާބީތަކުގައި މުހިންމު ރޯލެއް އަދާކުރި ރިލޭ އެ ޓީމާ ވަކިވީ މި އަހަރުގެ ކުރީކޮޅު ދިމާވި ޑިސިޕްލިނަރީ މައްސަލައެއްގެ ސަބަބުންނެވެ. އަދި ނިއުއިން ވަކިވުމަށްފަހު މިއަހަރު މާޒިޔާއިން ފެނިގެން ދިޔަ ރިލޭ ވަނީ ނިއުއަށް ސޮއިކުރުމަށްފަހު އޭނާގެ އެ އަމަލުތަކަށް މައާފަށް އެދިފައެވެ.

ނިއުގެ ބަޔާނުގައި ވަނީ ރިލޭ އަށް ކަންތައް ކުރެވުނު ގޮތާމެދު އޭނާ މައާފަށް އެދިފައި ވާކަމަށެވެ. އަދި މިފަހަރު އެ ކްލަބާ ގުޅުނީ ކުރިއަށްވުރެ ހަރުދަނާ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި، ކުޅުންތެރިޔެއްގެ ގޮތުގައި ކުރިއަރާ ރަނގަޅު ފަރުދެއްގެ ގޮތުގައި ފެނިގެން ދިޔުމަކީ އޭނާ އެދޭގޮތް ކަމަށްވެސް ރިލޭއަށް ހަވާލާދީ އެ ކްލަބުން ބުންޏެވެ. ނިއުއިން ބުނީ ރިލޭގެ ގަބޫލުކުރާގޮތުގައި އެ އަމާޒުތަކަށް ވާސިލްވާން އޭނާއަށް އެންމެ ރަނގަޅު ފުރުސަތެއް އޮތީ އެ ކްލަބުން ކަމަށެވެ.

އުމުރުން 16 އަހަރުން ފެށިގެން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެމުން އަންނަ ރިލޭ އެންމެ ފުރަތަމަ ކުޅެދިން ކްލަބަކީ ވެލެންސިޔާ ސްޕޯޓްސް ކްލަބެވެ. އޭނާ އެ ކްލަބުގައި ފަސް އަހަރު ހޭދަކޮށްފައި ވާއިރު، 2008 ވަނަ އަހަރުގެ ޕްރެސިޑެންޓްސް ކަޕާއި ދިވެހި ލީގު އެ ކްލަބަށް ކާމިޔާބު ކޮށްދޭން އޭނާ ވަނީ އެހީތެރިވެދީފައެވެ. އަދި 2012 ވަނަ އަހަރު ވިކްޓްރީ އަށްވެސް ކުޅެދިން ރިލޭ ވަނީ އެ އަހަރު ހަވީރުން ހޮވި އެންމެ މޮޅު 23 އަހަރުން ދަށުގެ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހާސިލް ކޮށްފައެވެ. އަދި 2013 ގައި ނިއުއަށް ބަދަލުވުމަށްފަހު އެ އަހަރުގެ ހުރިހާ މުބާރާތެއް އެ ކްލަބުން ކާމިޔާބު ކުރުމަށްވެސް އޭނާ ވަނީ އެހީތެރިވެދީފައެވެ.

ރާއްޖޭގެ ގައުމީ ޓީމުން ރިލޭ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ 17 އަހަރުން ދަށުގެ އުމުރުފުރާއިން ނެވެ. އަދި އެއަށްފަހު ގައުމީ 19 އަހަރުން ދަށުގެ ޓީމާއި 23 އަހަރުން ދަށުގެ ޓީމުން ފެނިގެން ގޮސްފައި ވާއިރު، ރާއްޖެގެ ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް އޭނާ ފެނިގެން ދިޔައީ 2012 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން މިހާތަނަށް އޭނާ ވަނީ ގައުމީ ސީނިއާ ޓީމަށް 15 މެޗު ކުޅެދީފައެވެ.