18 Dec 2014, 11:20
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުގެ ނަމުގައި ނ. އަތޮޅުގައި ކުރިޔަށް ގެންދާ "ޢަލީ މައުރޫފު އިންވިޓޭޝަނަލް ފުޓުބޯޅަ ޓޯނަމެންޓް" ފަށައިފި އެވެ. ނ. ކުޑަފަރީ ރަސްމީ ބޯޅަ ދަނޑުގައި މި މުބާރާތް ފެށީ އިއްޔެ ހަވީރު އެވެ.
ކުޑަފަރީ ކުޅިވަރު ސަރަހައްދުގެ އެރަށު ރަސްމީ ބޯޅަދަނޑުގައި އިއްޔެ ހަވީރު އޮތް ޚާއްސަ ރަސްމިއްޔާތުގައި މި މުބާރާތް ފަށްޓަވައިދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ.
މި މުބާރާތާ ގުޅޭ ގޮތުން ސަން އާ ވާހަކަދައްކަވަމުން އަލީ މައުރޫފު ވިދާޅުވީ މި ފަދަ މުބާރާތެއް އިންތިޒާމްކޮށްގެން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ނ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާ ކުރުމާ އެކު ކުޅިވަރުގެ ތެރެއިން އެކުވެރިކަން އާލާކޮށް ސިއްހީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.

ދައުވަތު ދީގެން ޖުމުލަ އަށް ޓީމު ވާދަ ކުރާ މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޅުނީ ކުޑަފަރީ އާއި މާޅެންދޫ އެވެ. މި މެޗު 1-0 އިން ކާމިޔާބު ކުރީ ކުޑަފަރީ އެވެ. ކުޑަފަރީ އަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަންބަރު 13 އަލީ ސަމްދޫހު އެވެ. މި ގޯލު ޖަހާފައި ވަނީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގަ އެވެ.
ކުޑަފަރީ އާއި މާޅެންދޫގެ އިތުރުން މި މުބާރާތުގައި ދެން ވާދަކުރަނީ ހެނބަދޫ، ލަންދޫ، މަނަދޫ އަދި ޅޮހި މީން ކޮންމެ ރަށަކުން އެއް ޓީމާއި ކެނދިކުޅުދޫ އިން ދެ ޓީމާ އެކު ޖުމުލަ އަށް ޓީމެވެ. ކެނދިކުޅުދޫން ވާދަކުރަނީ ކޭކޭ ސްޓާ އަދި ކޭކޭ ޔުނައިޓެޑެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނައަޕް ޓީމަށް 15،000 ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ.

މި މުބާރާތުގެ އިންތިޒާމް ކޮމެޓީގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، ރާއްޖޭގެ ގޯލްޑް ކެޕްޓަން އަސްއަދު އަބްދުލް ޣަނީ މިއަދު ވިދާޅުވީ، މުބާރާތުގެ ހުރިހާ ކަމެއް ވެސް އިންތިޒާމުކޮށްފައި ހުންނާނީ އަތޮޅު އަދި ރަށްރަށުގެ ފެންވަރުގައި ކުރެވޭނޭ އެންމެ ރަނގަޅަށް ކަމަށެވެ. މި މުބާރާތުގައި ރެފްރީކަން ކުރާނީ އެފްއޭއެމްގެ ރެފްރީން ކަމަށް ވެސް އަސްއަދު ވިދާޅުވި އެވެ.