ރޭ އިނގިރޭސި ލީގް ކަޕް މުބާރާތުގައި އެ ޓީމް ބޯންމަތްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، އެ މުބާރާތުގެ ސެމީފައިނަލުން ލިވާޕޫލް ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗު ލިވަޕޫލް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުންވެސް މެޗު ފަށާފައި ވަނީ ރަނގަޅު ހަމަލާތަކަކާއި އެކީ އެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ލީޑު ހޯދީ ލިވާޕޫލް އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި ޖޯޑަން ހެންޑަސަން ބޮލުން ނަގައިދިން ރީތި ބޯޅައަކުން އެ ޓީމްގެ ރަހީމް ސްޓާލިންގް އެވެ. އޭގެ ހަތް މިނެޓު ފަހުން ލިވާޕޫލް ވަނީ މެޗުގައި އެ ޓީމްގެ ލީޑު ފުޅާކޮށްލާފަ އެވެ. ލިވާޕޫލްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޯށްދިނީ 27 ވަނަ މިނެޓުގައި ލަޒަރ މަކޮވިކް އެވެ.

މެޗުގައި ލިވާޕޫލްގެ ތިންވަނަ ލަނޑު ފެނިގެން ގޮސްފައި ވަނީ ދެވަނަ ހާފްގަ އެވެ. އެ ހާފް ފެށިތާ ހަ މިނެޓުތެރޭ ލިވާޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކުރި ސްޓާލިންގް އެވެ. ބޯންމަތް އަށް މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމްގެ ޑެން ގޮސްލިންގްގެ ފަރާތުންނެވެ.

އެ ކާމިޔާބީއާ އެކު ލިވާޕޫލް މުބާރާތުގެ ސެމީފައިނަލްގައި ބައްދަލުކުރަން ޖެހޭނީ މިފަހަރުގެ ޔޫރަޕްގެ ފުޓްބޯޅަ ސީޒަނަގައި އެންމެ ވިދާލަމުން އަންނަ އެއް ޓީމް ކަމަށްވާ ޗެލްސީއާ އެވެ. މިފަހަރުގެ ސީޒަންގައި ލިވާޕޫލަށް ގިނަ ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެ ޓީމް މިހާރު ވަނީ މިއަހަރުގެ ޗެންޕިއަންސް ލީގާވެސް އަލްވަދާއު ކިޔަން ޖެހިފަ އެވެ. އަދި މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ރަނަރަޕްގެ މަގާމް ހޯދި ލިވާޕޫލް މިފަހަރުގެ ސީޒަންގައި އޮތީ ލީގު ތާވަލްގެ 11 ވަނައިގަ އެވެ.

ލިވާޕޫލްގެ ނާކާމިޔާބީތަކާ ގުޅިގެން އެ ޓީމްގެ ކޯޗް ބްރެންޑަން ރޮޖާސް އަށް ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، އެ ޓީމް ގިނަ ދުވަސްތަކެއް ވަންދެން ލީޑު ކޮށްދިން ޓީމް ކެޕްޓަން ސްޓީވަން ޖެރާޑް ޓީމު ދޫކޮށްލަން އުޅޭ ފަދަ ހަބަރުތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި މި ސީޒަންގައި ލިވާޕޫލަށް ސޮއެކުރި ކުޅުންތެރިންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އަދި މިހާތަނަށް އެ ޓީމަށް ހިފިފައި ނުވާ އިރު، މި ސީޒަންގައި އެ ޓީމަށް ބަދަލުވި އިޓަލީގެ ސްޓްރައިކަރު މާރިއޯ ބަލެޓޮލީގެ މައްސަލައެއް މިހާރު ވެސް އިނގިރޭސި އެފްއޭއިން ދަނީ ބަލަމުންނެވެ.