02 Feb 2011, 17:19
އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ކެންސަލް ކުރުމުން 26 ވޯޓް ފޮއްޓެއް ބާތިލްކޮށްފައިވާ ކަމަށާއި އެ ވޯޓް ފޮށިތަކުގެ ވޯޓް ކަރުދާހަށް އެކަނި ވެސް 220000 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަންސް އިން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލެއްގެ ޝަރުތު ހަމަނުވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވާތީ އައްޑޫގައި ސިޓީ ކައުންސިލް އިންތިހާބު ކެންސަލް ކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނަރަލް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް 61 މިލިއަނެއްހާ ރުފިޔާ ހަރަދުވާއިރު، އައްޑޫ ސިޓީ ކައުންސިލް އިންތިހާބުގެ ތައްޔާރީތަކަށް ކޮށްފައިވާ ހަރަދުތަކުގެ ގެއްލުމުގެ އަންދާޒާ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އެ ގޮތުން ދަތުރުތަކަށާއި އިންތިހާބުގެ އިދާރީ މަސައްކަތަކުގެ އިތުރުން ހަމައެކަނި އައްޑޫ ސިޓީގެ ވޯޓް ފޮށިތަކުގެ ވޯޓް ކަރުދާހަށް އެކަނި ވެސް އެވަރު ހަރަދުވާ ކަމަށެވެ.
"އެކި ހަރަދުތަކަށް އެކި ވަރުން ގެއްލުންވެފައިވާނެ. ނަމަވެސް ހަމައެކަނި ވޯޓް ކަރުދާހަށް ވެސް 220000 ރުފިޔާގެ ގެއްލުންވެފައިވޭ،"
އިލެކްޝަންސްގެ ޑިރެކްޓާ އަހުމަދު އަބޫބަކުރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ކެންސަލް ކުރަންޖެހުމުން، ރާއްޖޭގައި ބަހަށްޓަން ނިންމި 416 ވޯޓް ފޮށީގެ ތެރެއިން 26 ވޯޓް ފޮށި ކެންސަލްކޮށްފައިވާ ކަމަށެވެ. އެއީ އައްޑު އަތޮޅުގައި ބަހައްޓާފައި ހުރި 19 ވޯޓް ފޮއްޓަކާއި މާލޭގައި އައްޑޫގެ ރައްޔިތުންނަށް ބަހައްޓާފައި ހުރި ހަތް ފޮށި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު މުޅި ޖުމްލަ ރާއްޖޭގައި ބަހައްޓަނީ 390 ވޯޓް ފޮށި ކަމަށް އަހުމަދު އަބޫބަކުރު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ޝަރުތު ހަމަނުވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކުރީ އައްޑު އަށް ސިޓީ ދަރަޖަ ދިނުމަށް ލޯކަލް ގަވަރުމަންޓް އޮތޯރީޓީގައި ހުންނެވި ހަމައެކަނި މެންބަރު، ހޯމް މިނިސްޓާ ހަސަން ހަފީފު އެކަނި ހުންނަވައިގެން ކަނޑައެޅި ޝަރުތުތަކަކީ ސައްހަ ޝަރުތުތަކަށް ނުވާތީ އެވެ.