ގދ. ވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ހައުސިން މިނިސްޓްރީގައި އޮތް ހަފުލާއެއްގައި 1.6 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްގެ މަސައްކަތުގެ އެގްރީމްންޓްގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެން އާމިރެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފާއިޒެވެ.
އެމްޓީސީސީން ބުނީ ސުނާމީގައި ހަލާކުވެފައިވާ ވާދޫ ބަނދަރު އަލުން ހަދައި ނިމޭއިރު އެ ބަނދަރުގެ ދިގުމިނުގައި 700 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުންނާނެ ކަމަށެވެ.

މިހާރު އެ ރަށުގައި އޮންނަނީ 500 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ.

"އަޅުގަނޑުމެންނަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބަނދަރު މަރާމާތުކޮށް ނިންމާލެވޭނެ. ބަނދަރު މަރާމާތު ކުރަން ފެށުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ފެށޭނެ. އަޅުގަނޑުމެންގެ އިކިއުވިޕްމަންޓްސް އެ ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ،" އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް ހުސެން އާމިރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ބަނދަރަކީ ސައުދީއަރަބިއްޔާ އިން ދޭ ލޯނު އެހީގެ ދަށުން މަރާމާތު ކުރާ ބަނދަރެއް ކަމަށެވެ.

"ސައުދީ ލޯނުގެ އެހީ ލިބުމުގެ މަސައްކަތް ކުރިއަށް ދަނީ. މިހާރު ވެސް ސައުދީ ލޯނު އެހީގެ ދަށުން މަރާމާތު ކުރަމުން ގެންދާ ބަނދަރުތަކުގެ ތެރޭގައި އިހަވަންދޫ ބަނދަރާއި ހޯރަފުށީ ބަނދަރާއި ދިއްފުށީ ބަދަރު ހިމެނޭ." ޑިޕިއުޓީ މިނިސްޓަރު މުހައްމަދު ފާއިޒު ވިދާޅުވި އެވެ.

ވޯކްސް ކޯޕްރޭޝަނާ ގުޅިގެން މި އަހަރު 33 ބަނދަރެއް މަރާމާތު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ވޯކްސްކޯޕްރޭޝަނާ މަރާމާތު ކުރުމަށް ހަވާލު ކުރި ގިނަ ބަނދަރުތަކަކީ ވެސް ސުނާމީގައި ހަލާކުވެފައި ހުރި ބަނދަރުތައް ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.