17 Dec 2014, 16:30
ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްގީކޮށް، މުބާރާތްތަކުގެ އިންތިޒާމްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން 2015 ވަނަ އަހަރުގެ ފުޓްބޯޅަ ކަލަންޑަރަށް ގެނައި ބަދަލުތަކަކާ އެކު ކްލަބްތަކުގެ ހިޔާލަކަށް ހުށައަޅައިފި އެވެ.
އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ މުބާރާތްތަކާ އެކު ކްލަބްތަކުގެ ހިޔާލަށް އެފްއޭއެމުން 2015 ވަނަ އަހަރުގެ ފުޓްބޯޅަ ކަލަންޑަރު ހުށައެޅީ މިދިޔަ ހޯމަ ދުވަހުގެ ރޭ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކާ އެކު އެ އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
'ސަން' އަށް މައުލޫމާތު ދެމުން އެ ބައްދަލުވުމުގައި ބައިވެރިވި ކްލަބެއްގެ ފަރާތުން ބުނީ އެ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އަންނަ އަހަރުގެ ފުޓްބޯޅަ ޝެޑިއުލްއާ ބެހޭ ގޮތުން ބިނާކުރެނިވި ގޮތެއްގައި މަޝްވަރާ ކުރެވުނު ކަމަށާއި، އެފްއޭއެމުން ހުށައަޅާފައިވާ ބަދަލުތަކަށް ކްލަބުތަކުގެ ފަރާތުން އާންމު ތާއީދެއް އޮތްކަމަށް ވެސް އެ ކްލަބްގެ ފަރާތުން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން އެފްއޭއެމުން ބުނީ މިވަގުތު އަންނަ އަހަރުގެ ކަލަންޑަރު އަދި މުޅިން އެއްކޮށް ފައިނަލް ވެފައި ނުވާ ކަމަށާއި، ނަމަވެސް މި މަހުގެ ތެރޭ ރަސްމީ ސިފައެއްގައި އެ އެސޯސިއޭޝަންގެ ފަރާތުން އެ ކަލަންޑަރު އިއުލާނު ކުރާނެ ކަމަށެވެ.
އެފްއޭއެމުން އަންނަ އަހަރު ބާއްވަން ވިސްނާފައިވާ ބައެއް މުބާރާތްތަކަށް ބަލާއިރު، 11 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އަންނަ އަހަރު އަނެއްކާ ވެސް ރާއްޖޭގައި ޕޮމިސް ކަޕް (ޕްރެސިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް) ފަށަން އެ އެސޯސިއޭޝަނުން ވަނީ ވިސްނާފަ އެވެ. އެ މުބާރާތް އެންމެ ފަހުން ރާއްޖެގައި ބާއްވާފައި ވަނީ 2003 ވަނަ އަހަރު އެވެ. ނަވާރަސަތޭކަށް އަށްޑިހަ ހަތް ވަނަ އަހަރުން ފެށިގެން 16 އަހަރު ވަންދެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި އަވައްޓެރި ގައުމުތަކުގެ ކްލަބް ތަކަށް ވެސް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އެ މުބާރާތް އެންމެ ގިނަ ފަހަރަށް ކާމިޔާބުކޮށްފައި ވަނީ ރާއްޖޭގެ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއެންޓް ސްޕޯޓްސް ކްލަބެވެ.
ޕޮމިސް ކަޕަށް ފަހު ދިވެހި ލީގާއި އެފްއޭ ކަޕްގެ މެޗުތައް ފަށަން އެ އެސޯސޮއޭޝަނުން ވިސްނާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ މުބާރާތް ބާއްވަން އަދި ހަމަޖެހިފައި ވަނީ އަހަރުގެ ފަހު ކޮޅުއެވެ. އަދި ދެވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަންގެ މުބާރާތްތައް އަހަރުގެ މެދުތެރޭ ފަށަން ހަމަޖެހިފައިވާ އިރު، ޒޯން ފުޓްބޯޅަ މުބާރާތްތަކާއި ޔޫތު ޗެންޕިއަންޝިޕް ވެސް ބާއްވަން އަދި މިހާތަނަށް ހަމަޖެހިފައި ވަނީ އަހަރުގެ ފަހުކޮޅު އެވެ.