17 Dec 2014, 16:26
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޓެރަރިސްޓް ލިސްޓުން ފަލަސްތީނުގެ ޙަރަކަތުލް މުޤާވަމަތުލް އިސްލާމިއްޔާ (ހަމާސް) ޖަމާއަތް އުނިކުރަން ޖެހޭ ކަމަށް އީޔޫ ކޯޓުން އަމުރުކޮށްފި އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ޓެރަރިސްޓް ލިސްޓުން ހަމާސްޖަމާއަތުގެ ނަން އުނިކުރަން އީޔޫ ކޯޓުން އަމުކުރީ އުސޫލީ ސަބަބުތަކަކާ ހެދި ކަމަށެވެ. އެގޮތުން އެ އަމުރުގައި ބުނެފައި ވަނީ އީޔޫ ޓެރަރިސްޓް ލިސްޓްގައި ހަމާސް ހިމަނާފައި ވަނީ އެޖަމާއަތުގެ އަމަލުތައް މުއައްސަސާތަކުން ބަލައި ކަށަވަރު ކުރުމަށް ފަހުގައި ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި އެލިސްޓުގައި ހަމާސް ހިމަނާފައި ވަނީ މީޑިއާ ރިޕޯޓްތަކަކަށް ބަލައިގެން ކަމަށެވެ.
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ހަމާސް އުނިކުރަން ޖެހޭ ކަމަށް އީޔޫ ކޯޓުން ނިންމި ނަމަވެސް އީޔޫ އިން ވަކިގޮތެއް ނިންމަންދެން އެ ޖަމާއަތުގެ މެމްބަރުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލައި ދެމެހެއްޓޭނެ ކަމަށް އެއަމުރުގައި ވަނީ ބުނެފަ އެވެ.
އީޔޫ އިން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ލިސްޓްކޮށްފައިވާ ޖަމާއަތަކާ އެ ޔޫނިއަންގައި ހިމެނޭ ގައުމެއްގެ ވެރިން މުއާމަލާތް ކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ޖަމާއަތްތަކުގެ އެއްވެސް ފައިސާއެއް އީޔޫގެ ގައުމެއްގައި ހުރެއްޖެ ނަމަ އެފައިސާއެއް ހިފަހައްޓަން ޖެހެ އެވެ.
ޣައްޒާގައި ހުންނެވި ހަމާސްގެ އޮފިޝަލެއް ކަމަށްވާ ބަރުދާވިލް ވިދާޅުވި ކަމަށް އޭޕީ އިން ބުނީ އީޔޫ ކޯޓުގެ އަމުރަކީ ރަނގަޅު ބަދަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިސްރާއީލާ ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުން މިހާރަށް ވުރެ ވަރުގަދަ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.