17 Dec 2014, 14:03
ރާއްޖޭގެ ބޮޑީ ބިލްޑިންގް ފެޑާރޭޝަނުން އަންނަ އަހަރު ކުރިއަށް ގެންދަން ވިސްނާ ހަތް އިވެންޓަކާއެކު އެ ފެޑަރޭޝަންގެ 2015 ގެ ކަލަންޑަރު އިއުލާނު ކޮށްފިއެވެ.
އަންނަ އަހަރަށް ރާއްޖޭގެ ބޮޑީ ބިލްޑިންގް ފެޑަރޭޝަނުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހަ މުބާރަތެއްގެ އިތުރުން ގައުމީ ޖަޖިންގް ކޯސް ވެސް ހިމެނެއެވެ. އެގޮތުން މަސްލް ލޯޑް ޖިމުން ބާއްވާ މަސްލް ލޯޑް ކްލަސިކް މުބާރާތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައި ވާއިރު، އެ ފެޑަރޭޝަނުން ކުރިއަށް ގެންދާ ގައުމީ ޖަޖިންގް ކޯސް އަންނަ އަހަރު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާޗް މަހުގެ ތެރޭގައެވެ.
އަހަރުގެ ތިންވަނަ އިވެންޓެއްގެ ގޮތުގައި އެ ފެޑަރޭޝަންގެ ތާވަލްގައި ހިމަނާފައި ވަނީ މާޗް މަހު ބާއްވަން ހަމަޖެހިފައިވާ ވެއިޓް ޗެންޕިއަންޝިޕް މުބާރާތެވެ. އަދި ޖުލައި މަހުގެ ތެރޭގައި ސްޓްރޯންގް މޭން ކޮންޕެޓިޝަން ފައިނަލްސް އެ ފެޑަރޭޝަނުން ކުރިއަށް ގެންދަން ތާވަލްކޮށްފައި ވާއިރު، އެ ފެޑަރޭޝަނުން ބާއްވާ އާމް ރެސްލިންގް ކޮންޕެޓިޝަން އާއި އަހަރުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ މިސްޓާ މޯލްޑިވްސް 2015 ކުރިއަށް ގެންދަން ތާވަލްކޮށްފައި ވަނީ ސެޕްޓެމްބަރު މަހާއި ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.
އެ އިވެންޓުތަކުގެ އިތުރުން އެ ފެޑަރޭޝަނުން ވަނީ ބީޗް ބޮޑީ ބިލްޑިންގް ޗެންޕިއަންޝިޕް މުބާރާތެއްވެސް ކުރިއަށް ގެންދަން ރާވާފައެވެ. ނަމަވެސް އެ މުބާރާތް ބާއްވާނެ ވަކި ތާރީހެއް އެ ފެޑަރޭޝަނުން އަދި ކަނޑަ އަޅާފައެއް ނުވެއެވެ.
ރާއްޖޭގެ ބޮޑީ ބިލްޑިންގް ފެޑަރޭޝަނުން މިއަހަރު ކާމިޔާބު ކަމައެކީ ނިންމާލި އަހަރުގެ އެންމެ ފަހު މުބާރާތަކީ މިސްޓަ މޯލްޑިވްސް 2014 އެވެ. މިއަހަރުގެ މިސްޓާ މޯލްޑިވްސްގެ މަގާމް ހާސިލް ކުރީ މުހައްމަދު ރަޝީދު (ރަޗޭ) އެވެ. ރާއްޖޭގެ ބޮޑީ ބިލްޑިންގް ފެޑަރޭޝަން 1997 ގައި ވުޖޫދަށް އައިސްފައި ވާއިރު، އެ ފެޑަރޭޝަނުން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު މުބާރާތް ކަމަށްވާ މިސްޓާ މޯލްޑިވްސް ރާއްޖެގައި ފުރަތަމަ ބާއްވާފައި ވަނީ 1999 ވަނަ އަހަރު އެވެ.