ސޯލް ޑިސެމްބަރު 17 -- މި މަހުގެ ކުރީ ކޮޅު ސައުތު ކޮރެއަން އެއާލައިންގައި ހިނގި ނަޓް މައްސަލަ، ކޮރެއާގައި ހޫނުވެ، އެއާލައިންގެ ސީނިއާ އެގްޒެކެޓިވް، ޗައު ހަޔޯންއާ އާ ކޮރެއާގެ ޕްރެސިކިއުޓަރުން މިއަދު ސުވާލުކޮށްފި އެވެ.

"ފްރާންސް 24" އިން ބުނީ ސައުތު ކޮރެއަން އެއާލައިންގެ ޗެއާމަން އަދި ބިޒުނަސް ޓައިކޫންގެ ދަރިފުޅު އަދި އެ އެއާލައިންގެ ކުރީގެ ވައިސް ޕްރެޒިޑެންޓް ޗައު،40، އާ ޕްރެސިކިއުޓަރުން ސުވާލު ކުރީ އެ އެއާލައިންގެ ކްރޫ ބަދަން ދިން ގޮތާ ދޭތެރޭ ހިތްހަމަނުޖެހިގެން ބޯޓު އަލުން ޑިޕާޗާ ގޭޓާ ކައިރިކުރުވި މައްސަލައާ ގުޅިގެން ކަމަށެވެ.

"އަހަރެންނަށް މައާފު ކުރައްވާ،" ގައިން ވަރުދޫވެފައިވާ ޗައު ބުންޏެވެ.

ޗައު މިއަދު ޕްރެސެކިއުޓާސްގެ އޮފީހަށް ހާޒިރު ކުރި އިރު ނޫސްވެރިންނާއި ފޮޓޯގްރާފަރުން ހީވަނީ އޭނާ އަރައި ކައިފާނެ ހެންނެވެ. އަދި ނޫސްވެރިންގެ ތެރެއިން އޭނާ ޕީޖީގެ އޮފީހަށް ވަނީ، އިސްދަށަށް ޖަހައިގެން ހުރެ، އަދި ކޮނޑާ ހަމައަށް ކޮށާލާފައިވާ އޭނާގެ އިސްތަށިގަނޑުން މޫނު ނިވާކޮށްގެންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލުން ކުރި ތަހުގީގުން، ޗައު ބޯޓު ތެރޭގައި އަޑުގަދަކޮށް އަދި ފުރަފުރައި އޮތް ބޯޓު އަލުން ޑިޕާޗާ ގޭޓާ ކައިރިކޮށް ޗީފް ކެބިން ކްރޫ ބޭލިކަން އެނގޭ ކަމަށާއި އޭވިއޭޝަން ގާނޫނާ ވެސް ހިލާފުވިކަން އެނގެ އެވެ. ޕްރެސިކިއުޓަރުން ބަލަނީ ބޯޓު އަލުން އަނބުރާ ގޭޓަށް ކައިރި ކުރީ ޗައު މަޖުބޫރުކޮށްގެންތޯ އާއި އަދި ދެ ކްރޫއަކާ ދޭތެރޭ ޖިސްމާނީ ގޮތުން އެއްވެސް އަމަލެއް ހިންގިތޯ އެވެ.

ޗައު ހިމާޔަތް ކުރުމުގެ ހެކި ފޮރުވުމަށް ކްރޫން މަސައްކަތް ކުރޭތޯ ވެސް ޕްރެސިކިއުޓަރުން އަންނަނީ ބަލަމުންނެވެ.

ކޮރެއާ ސަރުކާރުން ބުނީ ނިއުޔޯކާއި ސޯލް އާ ދެމެދު ކުރާ އެ އެއާލައިންގެ ދަތުރުތައް 21 ދުވަހަށް ސަސްޕެންޑް ކުރުން ނޫނީ ދެ މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާ ދޭތެރޭ ވިސްނަމުން އަންނަ ކަމަށެވެ. އަދި ބަލަމުން އަންނަނީ އެ ހާދިސާގައި ޖިނާއި އަމަލެއް ހިންގާފައިވޭތޯ އެވެ.