މިދިޔަ ހަފްތާގައި މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުމާ ގުޅިގެން އައިސީޔޫގައި ފަރުވާދެމުން ގެންދިޔަ، މީހާގެ ކަނދުރައިގެ އޮޕަރޭޝަނެއް ކުރުމަށް ސްރީލަންކާ އަށް ގެންދިއުމަށް ހަމަޖައްސައިފި އެވެ.

އޭޑީކޭގޭ ސީއޯއޯ މުހައްމަދު ފަރުދީން މިއަދު "ސަން" އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި ބޮލަށާއި މައިބަދަ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ 30 އަހަރުގެ އެ ފިރިހެން މީހާގެ ސިކުނޑި އަށް ލޭ އެޅިފައިވުމާ ގުޅިގެން ދެ ސާޖަރީއެއް ހަދާފައިވާ ކަމަށެވެ. އަދި އެ ދެ ސާޖަރީ ވެސް ވަރަށް ކާމިޔާބު ކަމަށާއި އެމީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ކަމަށެވެ.

ބޮލުގެ ދެ އޮޕަރޭޝަނަށް ފަހު އައިސީޔޫ އިން ރޫމަށް ބަދަލުކޮށްފައިވާ އެ މީހާގެ މައިބަދައިގެ ކަނދުރާއާ ހަމައިން ލިބިފައިވާ އަނިޔާތަކާ ގުޅިގެން ކުރަން ޖެހޭ އޮަޕަރޭޝަނެއް ކުރުމަށް ލަންކާ އަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ މާދަމާ އެވެ. އަދި އޭނާ ލަންކާ އަށް ގެންދަނީ އާއިލާ އިންނެވެ.

"އެމީހާގެ ބޮލުގެ ދެ ސާޖަރީއެއް މިކޮޅުން ހެދި، އެ ދެ ސާޖަރީ ވެސް ވަރަށް ކާމިޔާބު، އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން، ބްރެއިންގެ އެއްވެސް މައްސަލައެއް މިހާރު ނެތް، ކައިބޮއި ވެސް ހަދާ، ނަމަވެސް ކަނދުރާގެ އޮޮޕަރޭޝަނެއް އަދި ކުރަން ޖެހޭ، ރާއްޖޭން އެ އޮޕަރޭޝަނެއް ނުކުރެވޭ،" ފަރުދީން ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ހިނގި އެ އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވެފައިވާ އިރު އޭގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ ކުޑަ ކުއްޖާ ހއ. ކެލާ، ޝަދުވާން ޝާފިއު، ނިޔާވެފައި ވަނީ އޭނާ އަށް ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ފަރުވާދެމުން ގެންދަނިކޮށެވެ. އަދި އަނިޔާވި މީހުންގެ ތެރޭގައި ހިމެނޭ 54 އަހަރުގެ އަންހެން މީހާ އާއި އިތުރު އަންހެނަކަށް އޭޑީކޭ އިން ފަރުވާދިނުމަށް ފަހު ދޫކޮށްލައިފައިވާއިރު، މަރުވި ކުޑަ ކުއްޖާގެ ބައްޕަ އަށް ވެސް ވަނީ އޭޑީކޭގައި ފަރުވާދީފަ އެވެ.

އެ އެކްސިޑެންްޓް ހިނގަން މެދުވެރިވީ ޕިކަޕެއް ކޮންޓްރޯލު ނުކުރެވިގެން ގޮސް ދުއްވާފައި ދިޔަ ތިން ސައިކަލަކާ އެކު، ޕާކުކޮށްފައި ހުރި ތިން ސައިކަލެއްގައި ޖެހިގެން ނެވެ. އެވަގުތު އެސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ވެސް އެ ޕިކަޕު ޖެހުނެވެ. އެކްސިޑެންޓްވި ޕިކަޕްގައި އިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.