ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ޝަރީއަތަށް ހުށަހެޅުމަށް ޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަ އަކީ ތިމަރަފުށީ އެއާޕޯޓްގެ މަސައްކަތް ނިންމަން ހަވާލުކުރި ކުންފުންނިން ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމާފައި ނުވުމުން، ސަރުކާރުން އެ ކުންފުނި ޖޫރިމަނާ ކުރުމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ކަމަށް ބުނެ އަމީން ޖޫރިމަނާ މައާފްކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

މިކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަމީންގެ މައްޗަށް ތުހުމަތު ކުރެވޭ އެ މައްސަލަ އެ އޮފީހަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެހެންނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

އެ މައްސަލައާ ގުޅިގެން އަމީންގެ ބަހެެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.