ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވާ އާޖެންޓީނާގެ ޑިއޭގޯ ކުރުސިއާނީ މިއަދު ހެނދުނު މާލެ އަތުވެއްޖެ އެވެ.

ޤައުމީ ޓީމުގެ ކޯޗުކަމަށް ދާދިފަހުން ހަމަޖެއްސި ކުރުސިއާނީ އަކީ ބަންގްލަދޭޝްގެ ޤައުމީ ޓީމުގެ ކޯޗުކަަމާއި 23 އަހަރުންދަށުގެ ޓީމުގެ ކޯޗުކަން ކޮށްފައިވާ ފަރާތެކެވެ. އޭނާގެ އިރުޝާދުގެ ދަށުން 2005 ވަނަ އަހަރު ޕާކިސްތާންގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ޓީމު ވަނީ ވާދަކޮށްފައެވެ. އަދި 2006 ވަނަ އަހަރު ލަންކާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ގައި ވާދަކުރި ބަންގާޅުގެ 23 އަހަރުންދަށުގެ ޓީމުގެ ކޯޗަކަށްވެސް ހުރީ ކުރުސިއާނީ އެވެ. އޭނާ މަގާމުން ވަކިކުރީ އެ މުބާރާތުގައި ބަންގާޅަށް ރަނގަޅު ކާމިޔާބެއް ނުލިބުމުންނެވެ.

ކޯޗު މާލެ އައިއިރު އޮލިމްޕިކް ކޮލިފައިންއަށް ތައްޔާރުވުމަށް 23 އަހަރުންދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިސް ވަނ ފަށާފައެވެ. މުހައްމަދު އާތިފްގެ ކޯޗުކަމުގެ ދަށުން ޕްރެކްޓިސް ކުރިއަށްދާއިރު ފުރަތަމަ މެޗު އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު ހޮންކޮންގެ ގައުމީ ޓީމާ ދެކޮޅަށް ހޮންކޮންގ ގައެވެ.
23 އަހަރުންދަށުގެ ޤައުމީ ޓީމުގެ ކޯޗުކަން އެންމެ ފަހުން ކޮށްފައިވަނީ އެފް އޭ އެމްގެ ޓެކްނިކަލް ޑައިރެކްޓަރ މައުރޫފް އަޙްމަދު(މާއްޓޭ) އެވެ. މާއްޓޭގެ އިރުޝާދުގެ ދަށުން އޭޝިއަން ގޭމްސްގައި ވާދަކުރި ޓީމަށް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.