ލަންޑަން (ސެޕްޓެމްބަރު17): އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަ އޮތުން ނިމުމަކަށް ގެނަސް އެބިންތަކުން އިސްރާއީލު ފޭބުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް އަރަބި ގައުމުތަކުން މަސައްކަތްކުރާ ގަރާރާ ދެކޮޅަށް ވީޓޯ ކުރާނެ ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ މިކަން ހާމަކުރައްވާފައި ވަނީ މިގަރާރާ ބެހޭ ގޮތުން ފަލަސްތީނުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ސާއިބް އުރައިގާތާ ލަންޑަންގައި އިއްޔެ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ކަމަށް ނަންހާމަ ކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވި އެވެ. ފަލަސްތީނާއި އަރަބި ގައުމުތައް ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތްކުރާ ގަރާރުގެ ދެލިކޮޕީ ގޮވާލަނީ 1967ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއިން ދެއަހަރު ތެރޭގައި އިސްރާއީލު ފާބައި އެ ދެ ސަރަހައްދުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރުމަށެވެ. މި ދެ ސަރަހައްދުގައި ގާއިމްކުރާ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިސްރާއީލު ގަދަބާރުން ވެރިވެގަނެގެންއުޅޭ ގުދްސުގެ އިރުމަތީ ފަޅި ކަމަށް ވެސް މިގަރާރުގެ ދެލިކޮޕީ ބުނެ އެވެ.
މިގަރާރު ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް އަރަބި ގައުމުތަކުން ނިންމީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފޭބުމަށާއި ނިގުޅައިގަނެފައިވާ ފަލަސްތީނުގެ ހައްގުތައް ހޯދުމަށް ފަލަސްތީނުން އިސްރާއީލާ އެކު ސުލްޙައިގެ ވާހަކަތައް ދައްކަމުން ގެންދާތާ 20 އަހަރު ވީއިރު ވެސް މިއިން އެއްވެސް ކަމަކަށް އިސްރާއީލުން އިޖާބަ ނުދިނުމުގެ ސަބަބުންނެވެ. މިގަރާރާމެދު ޖެހިލުންވެފައިވާ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ މިގަރާރު ފެންކޮށްލުމަށް ޓަކައި އެއާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު ބޭނުންކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މިކަމާ ބެހޭ ގޮތުން ނަތަނިޔާހޫ ވަނީ މިދިޔަ ހޯމަދުވަހު އިޓަލީގެ ވެރިރަށް ރޯމްގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީއާ ބައްދަލުކުރައްވައި މިގަރަރާ ދެކޮޅަށް އެމެރިކާ ތެދުވުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް މި ބައްދަލުކުރެއްވުމަށް ފަހު ކެރީ ވަނީ ސަލާމަތީ މަޖިލީހަށް އަރަބި ގައުމުތަކުން ހުށަހަޅާ ގަރާރާމެދު އަމަލުކުރާނެ ގޮތެއް އެމެރިކާ އަދި ނުނިންމާ ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފަ އެވެ. އެމެރިކާއަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮންނަ އޮތުމުގައި އިސްރާއީލަށް އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުންނާ އަދި ސިޔާސީގޮތުން ވެސް އެންމެ ބޮޑަށް އެހީތެރިވެ އިސްރާއީލުގެ ހިމާޔަތުގައި އެންމެ ބޮޑަށް މަސައްކަތްކުރާ ގައުމެވެ.

އެމެރިކާއިން އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރާނަމަ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް މީގެއެތަށް އަހަރެއްގެ ކުރިންވެސް ގާއިމް ކުރެވުނީސްކަމަށް ތަޖްރިބާކާރުން ދެކެ އެވެ. ނަމަވެސް ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށް ބާރުއަޅައި ފަލަސްތީނުގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެމެރިކާ އަބަދުވެސް މަސައްކަތް ކުރަނީ ފަލަސްތީނުގެ ހައްގުތަކަށް ގޮވާލައި ސަލާމަތީ މަޖިލީހަށް ހުށަހަޅާ ކޮންމެ ގަރާރަކާ ދެކޮޅަށް ވީޓޯކުރުމަށާއި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރު ހިމާޔަތް ކުރުމަށެވެ.
ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި އެމެރިކާ މެދުވެރިއަކަށްވެގެން ފަލަސްތީނާއި އިސްރާއީލުން ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކަށް 20 އަހަރު ވެފައިވާއިރު ވެސް މިވާހަކަތައް ކޮޅެއްގައި ޖެއްސުމަށް އެމެރިކާ އިސްރާއީލަށް ބާރުއަޅާފައެއް ނުވެ އެވެ. އޭގެބަދަލުގައި އެމެރިކާ ފިއްތުންތައް ކުރިމަތި ކުރަމުން ގެންދަނީ ފަލަސްތީނަށެވެ. މިގޮތުން އިސްރާއީލަށް ފައިދާވާ ގޮތަށް ފަލަސްތީނުގެ ބައެއް ބިންތަކާއި ރެފިއުޖީންގެ ހައްގުތައްފަދަ ފަލަސްތީން ރައްޔިތުންގެ އަސާސީ ހައްގުތައް ދޫކޮށްލުމަށް އެމެރިކާ ފަލަސްތީނަށް ބާރުއަޅައި ފިއްތުންތައް ކުރިމަތި ކުރަމުން ގެންގޮސްފައިވެ އެވެ. (އަލްޖަޒީރާ)