02 Feb 2011, 16:25
މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މިމަހުގެ 13 ވަނަ ދުވަހު ކުޅެން ހަމަޖައްސާފައިވާ ޗެރިޓީ މެޗު ދެ ކްލަބުން ބޭނުންވެގެން އައްޑޫގައި ކުޅެން ހަމަޖެއްސުމަށްފަހު މިހާރު މާލޭގައި ކުޅެން ނިންމާފައިވާ ކަމަށް ދެ ކްލަބުން ބުނެފި އެވެ.
ސީޒަން ހުޅުވާ މެޗުގައި މިއަހަރުވެސް ވާދަކުރާނީ ދިވެހިލީގާއި ޕްރެޒިޑެންޓްސްކަޕްގެ ޗެމްޕިއަން ވީބީ ސްޕޯޓްސްއާއި އެފް އޭ ކަޕްގެ ޗެމްޕިއަން ވިކްޓަރީ އެވެ.
ވީބީގެ މެނޭޖަރ އިބްރާހީމް ރަޝީދު(ސަތޯ) ބުނީ ސީޒަން ހުޅުވާ މެޗުގައި އައްޑުއަތޮޅު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހުރިހާ ކަމެއް ހަމަޖެހުނު ކަމަށެވެ.
"އަސްލު ސުޒޭންގެ ޚިޔާލެއް މިއީ. އެކަމަށް ވީބީންވެސް ތާއީދުކޮށް ދެ ކްލަބް ވަރަށް ބޮޑަށް ގުޅިގެން މިނިސްޓްރީއާ އެފް އޭ އެމާ ވެސް މަޝްވަރާ ކުރުމަށްފަހު ނިންމީ ހުރިހާ ޚަރަދެއް ދެ ކްލަބުން ކުރާ ގޮތަށް. އެހެންވެ އައްޑޫގައި ތިބޭނެތަންވެސް ވަނީ ހަމަޖައްސާފައި. ނަމަވެސް މި ހުރިހާ ކަމެއްވެސް ކުރިފަހުން މައުލޫމާތު ލިބުނީ ޒޯން ސްޓޭޑިއަމްގެ ދަނޑުގެ ޙާލަތު ވަރަށް ބޮޑަށް ދަށްވެފައިވާކަން. އެހެންވެ އެކޮޅުން ފޮޓޯތައްވެސް ގެނެސްގެން ބެލިން. ހަގީގަތުގައިވެސް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ވިނަތައް މަރުވެ ދަނޑު ހަލާކުވެފައިވަނީ. އެހެންވެ ރޭ ނިންމައިފިން އެމެޗު މާލޭގައި ކުޅެން." ސަތޯ ބުންޏެވެ.
ސަތޯ ބުނީ ފުރަތަމަ ފަހަރަށް އަތޮޅެއްގައި މިފަދަ މެޗެއް ކުޅެން ނިންމީ އަތޮޅުތެރޭގައި މިހާރަށްވުރެ ފޯރިގަދަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެމެޗުގެ ކުޅިބެލުންވެސް ޓިކެޓް ނުނަގާ ހިލޭ ވަދެވޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށްވެސް ސަތޯ ބުންޏެވެ.
ވިކްޓަރީގެ މެނޭޖަރ އަޙްމަދު އަޔާޒު ރަޝީދު ބުނީ މިއީ ވިކްޓަރީން ވަރަށް ބޮޑަށް ބޭނުންވެގެން މަސައްކަތް ކުރި ކަމެއް ކަމަށާއި މިނިސްޓްރީންނާއި އެފް އޭ އެމުންވެސް މިކަމަށް ވަރަށް ތަރުހީބުދިން ކަމަށެވެ. "އެކަމަށްޓަކާ ސްޕޮންސަރުންވެސް ހޯދާ ވަރަށް ގިނަ ކަންތައްތަކެއް ދެ ކްލަބް ގުޅިގެން ކުރެވިފައިވަނީ." އޭނާ ބުންޏެވެ.
ސީޒަން ހުޅުވާ މެޗު ޗެރިޓީ މެޗެއްގެ ގޮތުގައި މޮޅުވާ ޓީމަށް 1 ލައްކަ ރުފިޔާ ހުށަހަޅައިގެން ކުޅެން ފަށާފައިވަނީ މީގެ ދެ އަހަރު ކުރިން ފެށިިގެންނެވެ.