17 Dec 2014, 09:42
ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެނަދިޔަ އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެންޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ޕޮލިސް ކްލަބް ހޯދައިފިއެވެ.
ޕޮލިސް ކްލަބް އެ މުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކްލަބާ ބައްދަލުކޮށް ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ކްލަބް ކާމިޔާބުކުރީ 23-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓު ދިވެހި ސިފައިންގެ ކްލަބުން 23-25 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު، މެޗުގެ ތިންވަނަ ސެޓުވެސް 25-18 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެ ކްލަބެވެ.

ރޭ ސިފައިން ކްލަބާ ދެކޮޅަށް ޕޮލިސް ކްލަބް ކުޅުނު މެޗުގެ ތެރެއިން---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
މެޗުގައި ކުޅުނު ހަތަރުވަނަ ސެޓު ޕްލިސް ކްލަބުން ކާމިޔާބުކުރީ 23-25 ގެ ނަތީޖާއަކުންނެވެ. އަދި ހަތަރު ސެޓު ކުޅުމަށްފަހު ދެ ޓީމް އެއްވަރުވެފައި އޮތުމުން މެޗުގައި ކުޅުނު ޓައި ބްރޭކާ ޕޮލިސް ކްލަބުން ކާމިޔާބު ކުރީ ތަފާތުބޮޑު 6-15 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ ޕްރަބާގަރަން އެވެ.މުބާރާތުގެ ފައިނަލް މެޗަށްފަހު ބޭއްވި އިނާމް ދިނުމުގެ ހަފްލާގައި ޗެންޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ރޭ ސިފައިން ކްލަބާ ދެކޮޅަށް ޕޮލިސް ކްލަބް ކުޅުނު މެޗުގެ ތެރެއިން---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
މިފަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތުގައި މުޅި މުބާރާތުގެ އެންމެ މޮލު ކުޅުންތެރިޔާގެ މަގާމް ޕޮލިސް ކްލަބްގެ އިޝާން މުހައްމަދު އެވެ. އަދި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮލު ކުޅުންތެރިއަކަށް ހޮވުނީ އެ ކްލަބުގެ މުހައްމަދު ޝާއިން އެވެ.މުޅިއަކު ހަތަރު ޓީމެއް ވާދަކުރި އެ މުބާރާތުގައި ޕޮލިސް ކްލަބް ވަނީ ފުރަތަމަ ސެމީފައިނަލް މެޗުގައިވެސް ދިވެހި ސިފައިންގެ ކްލަބުގެ މައްޗަށް ކުރި ހޯދާފައެވެ. އަދި މިދިޔަ ހަފްތާގައި ނިމިގެން ދިޔަ ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައިވެސް ޕޮލިސް ކްލަބުން ސިފައިންގެ މައްޗަށް ކުރި ހޯދާފައި ވާއިރު، ލީގުގައި ބައްދަލުކުރި ފުރަތަމަ މެޗުގައި ސިފައިން ވަނީ އެ ޓީމްގެ މައްޗަށް ކުރި ހޯދާ، ލީގުގެ ދެވަނަ ބުރުގައި ފަސް ކާމިޔާބީއާއެކު ލީގު ޗެންޕިއަންކަން ހޯދާފައެވެ.