17 Dec 2014, 09:54
ޕިޝާވަރު (ޑިސެމްބަރު17): ޕާކިސްތާނުގެ ޕިޝާވަރުގައި އެގައުމުގެ ސިފައިން ހިންގާ ސްކޫލަކަށް ތާލިބާނުން ހިންގި ގަތްލުއާންމުގައި ގިނައަދަދެއްގެ ކުދިން މަރުވެގެން ދިޔުމަކީ ގައުމީ ބޮޑު ހިތާމައެއް ކަމަށް ސިފަކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް އެގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ އިއްލާން ކުރައްވައިފި އެވެ.
ތާލިބާނުން ގަތްލު އާންމު ހިންގި ސްކޫލް ހުރި ސަރަހައްދަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ނަވާޒް ޝަރީފު ވިދާޅުވީ ތާލިބާނުންނަކީ އިސްލާމް ދީނާ ގުޅުމެއްނެތް ހައްދު ފަހަނަޅާފައިވާ އަނިޔާވެރި ބައެއް ކަމުގަ އެވެ. ކުށެއްނެތް ކުޑަކުދިންތަކަކާ ދެކޮޅަށް ތާލިބާނުން ހިންގި ފިނޑި ނާތަހުޒީބު ޖަރީމާއާ ގުޅިގެން އެކަމުގެ ހައްގު އަދަބު އެމީހުންނަށް ދެއްވާނެ ކަމަށްވެސް ނަވާޒް ޝަރީފު ވިދާޅުވި އެވެ. މިގަތްލުއާންމުގައި މަރާލި ކުދިންގެ ޖަނާޒާ ޕިޝާވަރުގައި މިއަދު ކުރިޔަށްދާ ކަމަށް ޚަބަރު ލިބެ އެވެ.
ދުނިޔޭގެ އެތައް ގައުމަކުން، ތާލިބާނުން ހިންގި މިގަތްލުއާންމު ކުށްވެރިކޮށްފައިވާއިރު އަވަށްޓެރި އިންޑިޔާއިން ވެސް މިކަން ކުށްވެރިކޮށް ޕާކިސްތާނުގެ ރައްޔިތުންނަށް ވަނީ ހަމްދަރްދީ ފާޅުކޮށްފަ އެވެ. ޕާކިސްތާން ސިފައިންގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގާ ހަރަކާތްތަކުގެ ދަށުން ޕިޝާވަރުގައި ސިފައިންގެ މުއައްސަސާއިން ހިންގަމުން ގެންދާ ސްކޫލަށް ތާލިބާނުން އިއްޔެދިން ޓެރަރިސްޓް ހަމަލާގައި 141 މީހުންމަރާލާފައިވާ އިރު މީގެ ތެރޭގައި 132 ދަރިވަރުން ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ތާލިބާނުންގެ 6 މީހަކު ބަޑިހިފައިގެން މި ސްކޫލަށް ވަދެގަނެ އެސްކޫލްގެ ކްލާސްރޫމް ތަކުގައި ދަރިވަރުން ތިއްބައި އެކުދިންގެ ގަޔަށް އެއްވެސް ރަހުމެއް ނެތި ބަޑިޖަހައި ކްލާސްރޫމްތައް ވަނީ ލޭގެ ކޯރަކަށް ހަދާލާފަ އެވެ. މިއާ އެކު ގިނަކުދިން ވަނީ އެލޭތަކުގެ ތެރޭގައި މަރުވެގެން ގޮސްފަ އެވެ. މީގެއިތުރުން އެސްކޫލްގެ އިދާރީ ބަޔަށް ވެސް މި 6 މީހުންގެ ތެރެއިން ބައެއްމީހުންވަދެ މުވައްޒަފުންގެ ގަޔަށް ވެސް ބަޑިޖަހައި މަރާލާފައިވެ އެވެ. މި ގަތްލުއާންމުގައި މަރާލި 141 ދަރިވަރުން ފިޔަވައި ދެން މަރާލި 9 މީހުންގެ ތެރޭގައި ހިމެނެނީ މުދައްރިސުންނާއި އިދާރީ މުވައްޒަފުންނެވެ. ޕާކިސްތާން ސިފައިންވަނީ މިޓެރަރިސްޓް ޙަމަލާތައްދީ ގަތްލުއާންމު ހިންގި ތާލިބާނުންގެ ހަ މުޖްރިމުން މަރަލާފަ އެވެ. ތާލިބާން ޖަމާއަތް ވުޖޫދަށް އައިސްފައިވަނީ 1994 ވަނަ އަހަރު އަފްޣާނިސްތާނުގަ އެވެ.
އެއަށްފަހު ޕާކިސްތާން ތާލިބާނުންގެ ނަމުގައި ވަކި ޖަމާއަތެއް ވުޖޫދަށް އައިސްފައި ވަނީ 2007 ވަނަ އަހަރުގަ އެވެ. ތާލިބާން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ސައޫދީ ސަރުކާރުން ދޭ އެހީގެ ދަށުން ޕާކިސްތާނުގައި ހިންގަމުން ގެންދިޔަ ދިނީ ސްކޫލްތަކުގައި ކިޔެވި ދަރިވަރުން ގެ ތެރެއިން އާދަޔާ ޚިލާފަށް ހަރުކަށި ވިސްނުން ގެންގުޅުނު ދަރިވަރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެޖަމާއަތް ވުޖޫދަށް އައީ ޕާކިސްތާނާއި އަފްޣާނިސްތާނުގައި އިސްލާމީ ޝަރީއަތް ގާއިމް ކުރުމުގެ ނަމުގައި ކަމަށްވިޔަސް މިޖަމާއަތުގެ ލީޑަރުންނާއި ހަނގުރާމަވެރިންވަނީ އިސްލާމް ދީނުގެ މަތިވެރި އަދި މާތް އުސޫލުތަކުން އެއްކިބާވެ ޕާކިސްތާން ސިފައިންނަށާއި ސަލާމަތީ ބާރުތަކަށް ޙަމަލާދީ ތަންތަނުގައި ބޮންގޮއްވައި ކުށެއްނެތްމީހުން މަރައި ބާރުގެ ބޭނުންކޮށްގެން އެމީހުން ބޭނުންވާ މަގްސަދްތައް ޙާސިލް ކުރުމުގެ މަސައްކަތް ފަށަފާ އެވެ.
ތާލިބާނުންގެ ޙަމަލާތަކާ ގުޅިގެން ޕާކިސްތާން ސިފައިންވެސް ގެންދަނީ 2008 ވަނަ އަހަރުން ފެށިގެން އެޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އަދި އެމެރިކާ ގެންދަނީ 2001 ވަނަ އަހަރު އަފްޣާނިސްތާނަށް ގަދަބާރުންއަރައި ތާލިބާނުންގެ ސަރުކާރު ވައްޓާލުމަށް ފަހު ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި 2003 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގެ ވަޒީރުސްތާނުގައިވާ ތާލިބާނުންގެ އަމާޒުތަކަށް ޙަމަލާތައް ދެމުންނެވެ. (އަލްޖަޒީރާ)