އެމްޓީސީސީ ކަށަވަރު ޝޯރޫމުން ވިއްކަމުން އަންނަ އިންޖީނާއި އެހެނިހެން ތަކެއްޗަށް ޚާއްސަކޮށް 15000 ރުފިޔާ އާއި ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.

އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި މިރޭ ފަށަފައިވާ ޕްރޮމޯޝަނަކީ އެ ކުންފުނިން ވިއްކަމުން އަންނަ ސުޒުކީ އިންޖީނާއި ކާސްޓްރޯލް އަޑީތެލާއި ސިގްމާ މެރިން ޕެއިންޓާއި އަދި ޔަންމާ/ ސުޒުކީ ގެ ސްޕެއާ ޕާޓްސް އަށް ހާއްސަކޮށް އެ ކުންފުނިން ފަށާފައިވާ ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަން ފެށުމަށް މިރޭ އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވީ އެ ޕްރޮމޯޝަންގެ ދަށުން ސުޒުކީ އިންޖީނުގެ ތަފާތު މޮޑެލްތަކުން 1000 ރުފިޔާއިން ފެށިގެން 15000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން ކާސްޓްރޯލް އަޑީތެލުން ތިން ޕަސެންޓާއި ހަ ޕަސެންޓާ ދޭތެރޭގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށާއި ސިގްމާ މެރިން ޕެއިންޓުން 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެކަމަށް ހަލީމް ވިދާޅުވި އެވެ. އޭގެ އިތުރުން ޔަންމާ އިންޖީނާއި ސުޒުކީ ސްޕެއާ ޕާޓްސް އަށް ފަސްޕަސެންޓް ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ ކަށަވަރުން މަސައްކަތް ކުރަމުން ދަނީ އޮޑިވެރިންނަށް ދިމާވަމުންދާ ދަތިތަކަށް ލުއި ލިބޭނެ ތަފާތު ކަންކަން ތައާރަފުކުރަމުން ކަމަށާއި އެގޮތުން ކުރިއަށް އޮތް އަހަރު އޮޑިވެރިންނަށް ޚާއްސަކޮށް ޔަންމާ އިންޖީނު ކްރެޑިޓަށް، ދެ އަހަރަށް ބަހާލައިގެން ފައިސާދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން އެ ކުންފުނިން ވިއްކާ ސްޕެއާ ޕާޓްސް ރާއްޖޭގެ އެކި ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ އެ ޕްރޮމޯޝަނަކީ އޮޑިދޯނި ފަހަރު ދުއްވާ ހުރިހާ ފަރާތްތަކަށް، ޚާއްސަކޮށް މަސްވެރިންނަށް ވަރަށް މުހިންމު ޕްރޮމޯޝަންއެއް ކަމަށެވެ. އޭގެ އިތުރުން މަސްވެރިންނާ އޮޑިވެރިންނަށް އެމްޓީސީސީން ކޮށްދެމުން އަންނަ މަސައްކަތް ތަކަށް މަލީހު ޝުކުރުއަދާކުރެއްވި އެވެ.

އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.