ޕާކިސްތާނުގެ ޕިޝާވަރުގައި ހުންނަ އާރމީ ޕަބްލިކް ސްކޫލަށް ދިން ޓެރަރިސްޓް ޙަމަލައިގައި، ގިނަ ‏‏ޢަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ‏‏މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ‏‏ހިތާމައިގައި، ރައީސް މަމްނޫން ހުސައިނަށާއި، ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފަށް، ‏‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހަމްދަރުދީގެ މެސެޖެއް ‏‏ފޮނުއްވައިފިއެވެ.‏

‏އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖްގައި، ދިވެހި ސަރުކާރާއި ދިވެހި ‏‏ރައްޔިތުން، ޓެރަރިޒަމްގެ މިފަދަ އަމަލުތައް، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ‏‏ވިދާޅުވެފައިވެއެވެ. އަދި ޕާކިސްތާނުގައި ސުލްޙަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ ‏‏މަސައްކަތްތަކުގައި، ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުންގެންދާނެ ކަމުގައިވެސް ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.‏

‏ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމަށް ކުރެވެމުންދާ ‏‏މަސައްކަތުގައި، ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކީ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، ‏‏މިކަމުގައި ޕާކިސްތާނަށާއި ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ފުރިހަމަ އެބާރުލުންދެމުން ‏‏ގެންދާނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގައި އެތައް ބަޔަކު މަރުވެފައިވާތީ، ‏‏ޕާކިސްތާން ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެއެވެ. ‏‏އަދި މި ހާދިސާގައި މަރުވި އެންމެންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ‏‏ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.‏