ބޮޑެތި މުއައްސަސާތައް ހާޒިރު ކުރި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ މިރޭ ސިއްރުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާއަތުގެ ބިލް ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީ ބޭއްވީ މިރޭ 8:30 ގަ އެވެ.

ޖިނާއީ އިޖުރާއަތުގެ ބިލު ދިރާސާ ކުރެއްވުމަށްޓަކައި އަށް މުއައްސަސާއަކާއި ބައްދަލުކުރެއްވުމަށް މިރޭ ވަނީ ނިންމާފައި އެވެ. އެގޮތުން އެޓާނީ ޖެނެރަލް އޮފީހާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި ދިވެހިރާއްޖޭގެ ހައި ކޯޓާއި ކްރިމިނަލް ކޯޓެވެ. އަދި ހަމަ އެއާއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އާއި ފުލުހުންގެ މުއައްސަސާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އި ބައްދަލުކުރެއްވުމަށް ވަނީ ނިންމާފައި އެވެ.

އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ޖިނާއީ އިޖުރާއަތުގެ ބިލް ފާސްކުރަން ފެންނަ ކަމަށް 67 މެމްބަރަކު ވޯޓު ދެއްވާފައިވާ އިރު، ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

ޖިނާއީ އިޖުރާއަތުގެ ބިލަކީ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ބިލެކެވެ.

އެ ބިލުގައިވާ ގޮތުން އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމުގެ މަގުސަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމާއި، އެފަދަ ތަހުގީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދަން ބޭނުންވާ އުސޫލުތައް ކަނޑައެޅުމެވެ.

ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ބާރު އެޅުމާއި، އެފަދަ ދައުވާތައް، ހަރުދަނާގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުސޫލުތައް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.