16 Dec 2014, 21:30
ހިޓާޗީ ކުންފުނީގެ ފަރާތުން 'މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓް ފަންޑަށް އެއް މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރައްވަން ނިންމަވާފައިވާ ކަމުގައި އެ ކުންފުނީގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އެންޑް އެގްޒެކެޓިވް އޮފިސަރު ޖުންޒޯ ނަކަޖީމާ ވިދާޅުވެއްޖެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ އެ އެހީ ދެއްވަން ނިންމީ ހިޓާޗީ ކުންފުނީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާ އެކު އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށާއި ކުއްލި ޙާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަވާ ކަމެއް ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ފަންޑަށް ހިޓާޗީ ކުންފުނީގެ ފަރާތުން ވެދެއްވަން ނިންމެވި ދީލަތި އެހީފުޅަށް ޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު ދެންނެވި އެވެ. މީގެ އިތުރަށް، ދިވެހި ސަރުކާރަށް ދިމާވާ މިފަދަ ބޮޑެތި ހާދިސާތަކުގައި ޖަޕާން ސަރުކާރުން ރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ޖަޕާން ސަރުކާރަށާއި ރައްޔިތުންނަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޑިފެންސް މިނިސްޓަރު މުޙަންމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ. ހިޓާޗީގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ، ޖަޕާން ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރު ނޮބުހިޓޯ ހޯބޯ އެވެ.