ތޫނު އެއްޗަކުން ނުވަތަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކޯޓުގައި ދައުވާ އުފުލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ލާޒިމްކޮށްފި އެވެ.

ކޯޓުތަކަށް އެގޮތަށް ލާޒިމްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރެއްވި ބިރުދެއްކުމާއި ނުރައްކާތެރި ‏‏ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ‏‏ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލުގަ އެވެ.

ތަސްދީގު ކުރެއްވުމާއެކު އަމަލު ކުރަން ފަށާފައިވާ ގާނޫނުގައި ބުނެފައިވާ ގޮތުން ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހެއްގެ މައްޗަށް 15 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ކޯޓަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ކޯޓުގައި ދައުވާ އުފުލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ލާޒިމްކޮށްފައިވާ އެ ގާނޫނުގައި ބުނެފައިވާ ގޮތުން އެފަދަ ހުކުމެއް އިސްތިއުނާފު ކުރަން ލިބޭ މުއްދަތަކީ 30 ދުވަހެވެ. ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި މިހާރު އިސްތިއުނާފު ކުރުމުގެ މުއްދަތަކީ 90 ދުވަހެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުން ތޫނު ހަތިޔާރު ބޭނުންކޮށްގެން ހައްގަކާ ނުލައި މީހަކު މަރައިފި މީހެއް އަދަބަކީ މަރުގެ އަދަބެވެ. ނަމަވެސް މަރުގެ އަދަބު އެ މީހެއްގެ މައްޗަށް ތަންފީޒު ކުރުމުގެ ކުރިން އެއްވެސް މަރުހަލާއެއްގައި ވާރިސުން މަރުގެ ދިޔަ ހޯދާއި ގާތިލަށް މައާފު ދީފިނަމަ މަރުގެ އަދަބުން އޭނާ ސަލާމަތްވާނެ އެވެ. ނަމަވެސް އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން އޭނާގެ މައްޗަށް ލާޒިމުވާނެ އެވެ. އެއީ 25 އަހަރެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން މަރުގެ މައްސަލަތަކާއި މީހެއްގެ ގުނަވަން ނެތިފަދަ ގޮތަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހުން ތަހުގީގު މަރުހަލާގައި ހަނު ހުރުމުގެ ހައްގުން މަހުރޫމް ވާނެ އެވެ. އަދި ބަންދުން މިނިވަންވުމުގެ ހައްގު ވެސް އެ ހިފެހެއްޓޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.

އެފަދަ މީހުން ޝަރުއީ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފަނޑިޔާރުންނަށް ގާނޫނުގައި ދީފައިވެ އެވެ. ބަންދުން މިނިވަންވުމުގެ ހައްގު އެގޮތަށް ހިފަހައްޓާފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ބަލުމަށްފަހު ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރާތާ ފުރަތަމަ 36 ގަޑިއިރު ތެރޭގައި ގާނޫނީ ވަކީލާ ބައްދަލުކުރެވޭނީ ފުލުހުންގެ ހާޒިރުގައި ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.