ޖިންސީ ގުޅުން ހިންގައިދޭނެ އަންހެން ކުދިން ހޯދައިދޭ މަތިން މައްސަލަ ނުބަލައި ދޫކޮށްލާނެ ކަމަށް ބުނެ ރިޝްވަތު ލިބިގަތުމަށް އެދުނު ފުލުހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފި އެވެ.

ޕޮލިސް ކޮންސްޓަބަލް މއ. ހިންނަވަރު، އަހުމަދު އިސްމާއިލްގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ އަހުމަދު އިސްމާއިލަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އޭނާ ބަލަމުން ދިޔަ މައްސަލައެއްގައި ހިމެނޭ މީހެއްގެ ކައިރީގައި ޖިންސީ ގުޅުމާއި ބަދުއަހުލާގީ އަމަލު އޭނާ ބޭނުންވާ ގޮތަކަށް ހިންގައިދޭނެ ދެ އަންހެން ކުދިން ހޯދައިދޭ މަތިން މައްސަލައިގައި ފިޔަވަޅެއް ނާޅައި ދޫކޮށްލާނެ ކަމަށް ބުނެފައިވާ ކަމަށް އެ ދައުވާގައިވެ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުރި މީހާއަށް އަހުމަދު އިސްމާއިލް ލިޔުމުން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ބުނެފައި ވަނީ އެ އަންހެން ކުދިންނަކީ 16 އަހަރާއި 25 އަހަރާ ދެމެދުގެ ދެ އަންހެން ކުދިންނަށް ވާން ޖެހޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ވެސް އެ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

އަހުމަދު އިސްމާއިލްގެ މައްޗަށް ދައުވާ ކުރުމަށް އެދި ކޯޓަށް ހުށަހަޅާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ށ. ގެ ދަށުންނެވެ. އެއީ ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ އެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ސަރުކާރުން ނުވަތަ ސަރުކާރުގެ ފަރާތަކުން ކުރާ މުއާމަލާތަކާ ގުޅޭ ގޮތުން ވަކި ފަރާތަކަށް ލުޔެއް ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ދިނުމަށްޓަކައި ރިޝްވަތު ލިބިގަތުމަށް އެދުމަކީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ ށ. ގައި ބުނެފައި ވަނީ މިފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ހަތް އަހަރަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން ކަމަށެވެ.