ގާނޫނުލް އުގޫބާތަށް މީހުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް އެޓާނީޖެނެރަލް އޮފީހުން ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެޓާނީ ޖެނެރަލްގެ އޮފީހުން "ލީގަލް ސެކްޓާ ރިސޯސް ސެންޓަރު" ގެ ނަމުގައި އެކުލަވާލާފައިވާ ޓީމަކުންނެވެ.

މި ޕްރޮގްރާމާ ބެހޭ ގޮތުން ލީގަލް ސެކްޓަރ ރިސޯސް ސެންޓަރަށް ޔޫއެންޑީޕީންގެ ފަރާތުން މަސައްކަތް ކުރައްވާ ލޯކަން ކޮންސަލްޓެންޓް، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް "ސަން" އަށް ވިދާޅުވީ މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ގާނޫނުލްއުގޫބާތަށް އަމަލުކުރަން ފެށުމުގެ ކުރިން، އެ ގާނޫނާ ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީ އާންމުން އެއަށް އަހުލުވެރި ކުރުވުން ކަމަށެވެ.

ބައިބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ މައުލޫމާތު ކަރުދާސް މިއަދު މިނިސްޓްރީ ތަކާއި އޮފީސްތަކާއި މަޖިލިސް މެންބަރުންގެ އިތުރުން މީޑިއާތަކަށް ފޮނުވާފައި ވާއިރު މިއަދުގެ ކަރުދާހުގައި އަލި އަޅުވާލާފައި ވަނީ "ގާނޫނުލްއުގޫބާތާއި އިސްލާމީ ޝަރީއަތް ތަގުނީނު ކުރުން" މި މައުޟޫގެ މައްޗަށެވެ.

އެގޮތުން އިސްލާމީ ޝަރީއަތާ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތާ ފުށުނާރާނެކަމަށާއި، މިއީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ހެދިފައިވާ ގާނޫނެއްކަން މި މައުލޫމާތު ކަރުދާހުގައި ތަފްސީލްކޮށްދީފައި ވެއެވެ.

"ލީގަލް ސެކްޓާ ރިސޯސް ސެންޓަރު" ގެ ނަމުގައި އެކުލަވާލާފައިވާ އެ ޓީމުން ކުރިއަށް ގެންދާ މި ޕްރޮގްރާމް ގައި ހަރަކާތްތެރި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުންނާއި، އެޓާނީޖެނެރަލް އޮފީހުގެ ވަކީލުންނެވެ.

ބައި ބަޔަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ މި ޕްރޮގްރާމް އަކީ ޔޫއެންޑީޕީއާ އެޓަނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.