16 Dec 2014, 16:47
ސައުތު ކޮރެއަން އެއާލައިންގެ ޗެއާމަންގެ ދަރިފުޅު އަދި އެ އެއާލައިންގެ ކުރީގެ ވައިސް ޕްރެޒިޑެންޓް ހީތާ ޗައު އަށް އެ އާލައިންގެ ބޯޓުގައި ކްރޫ ބަދަން ދިން ގޮތާ ދޭތެރޭ ހިތް ހަމަނުޖެހިގެން ބޯޓު އަލުން ޑިޕާޗާ ގޭޓަށް ކައިރިކޮށް، ފުރުން ލަސްވެ އުފެދުނު މައްސަލައާ ގުޅިގެން ޗައުގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ނިންމައި އަދި އެއާލައިން ދެ މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޮރެއާ ސަރުކާރުން ނިންމައިފި އެވެ.
ސައުތު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓްރީ އިން މިއަދު ބުނީ މި މަހު 5 ވަނަ ދުވަހު ނިއުޔޯކްގެ ޖޯން އޮފް ކެނެޑީ އެއާޕޯޓުން ކޮރެއަން އެއާލައިންގެ ބޯޓު ފުރަން އުޅެނިކޮށް، ދިމާވި މައްސަލަ ތަހުގީގު ކުރި އިރު ހިތާ ޗައު އޭވިއޭޝަން ގާނޫނާ ހިލާފުވެފައިވާ ކަމަށާއި އެކަމުގައި ޒިންމާވާން ޖެހޭ ކަމަށެވެ.
އެ މައްސަލަ ސައުތު ކޮރެއާގައި ހޫނުވެ، ޗައު ވަނީ މައާފަށް ވެސް އެދިފަ އެވެ. އަދި އޭނާ ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ވެސް ދެއްވައިފަ އެވެ.
"ބޯޓުގެ ކްރޫންނާއި ފަސިންޖަރުންގެ ވާހަކަތަކުން އެއީ ޗައުގެ ވާހަތައް ކަން ވަނީ ކަށަވަރުވެފައި. އޭވިއޭޝަން ސޭފްޓީއާ ހިލާފުވި މައްސަލާގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ފޮނުވާނަން،" ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ޓްރާސްޕޯޓް މިނިސްޓްރީ އިިން ބުނީ ކޮރެއަން އެއާލައިން އޭވިއޭޝަން ގާނޫނާ ހިލާފުވެފައިވާ ކަމަށާއި އެ އާލައިން 21 ދުވަހަށް ސަސްޕެންޑް ކުރުން ނޫނީ ދެ މިލިއަން ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އެ ހާދިސާ ހިނގި އިރު ބޯޓު ވަނީ ކޮއްޕައި ބޭރަށް ނެރެފަ އެވެ. ނަމަވެސް ޕައިޕެޓް ވަނީ ބޯޓު އަލުން ޑިޕާޗާ ގޭޓާ ކައިރިކޮށް، ޗީފް ކެބިން ކްރޫ ބާލައިފަ އެެވެ. އޭނާ ބޯޓުން ބޭލީ ޗައު އަށް، ތަށީގެ ބަދަލުގައި ޕެކެޓާ އެކު ބަދަން ސާވް ކުރި މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލަ ކޮރެއާގައި ހޫނުވުމުން ޗައު މައާފަށް އެދި އިސްތިއުފާ ދިނެވެ. މީޑިއާ ރިޕޯޓްތައް ބުނަނީ އެ މައްސަލާގައި ކެބިން ކްރޫ ފައިމައްޗަށް ތިރިވެ ޗައުގެ ކިބައިން މައާފަށް އެެދުނު ކަމަށެވެ. ނަމަވެސް ބޯޓު ފުރީ އޭނާ ބޭލުމަށް ފަހު ކަމަށެވެ.
މައުލޫމާތު: ނޫސްތައް