16 Dec 2014, 16:19
ފްރާންސްގެ މައްޝޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އާސަނަލްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލައި، ނޫސްވެރިކަމުގެ ދާއިރާއަށް ވަންނަން ގަސްދުކޮށްފި އެވެ.
މިއަދު 'ޕްރެސް އެސޯސިއޭޝަން ސްޕޯޓްސް' އަށް ދިން ބަޔާނެއްގައި އޭނާ ބުނީ ޕްރޮފެޝަނަލް ފުޓްބޯޅައާ މުޅިން ދުރުވާން އޭނާ ނިންމާފައި ވާކަމަށާއި، ދެން އޭނާ ފެނިގެން ދާނީ ނޫސްވެރިކަމުގެ ދާއިރާއިން ކަމަށެވެ. އަދި ސްކައި ސްޕޯޓްސް އިން އޭނާ އަށް މިހާރު ފުރުސަތު ލިބިފައިވާ ކަމަށާއި އެ ފުރުސަތުގެ ބޭނުން އޭނާ ކުރާނީ ވީހާވެސް ގިނަ ބަޔަކާ އޭނާގެ ތަޖުރިބާތައް ހިއްސާ ކުރަން ކަމަށް ވެސް އޭނާ ބުންޏެވެ.
"ޕްރޮފެޝަނަލް ފުޓްބޯޅަޔާ އެއްކޮށް ދުރުވާން އަހަރެން ނިންމައިފިން. އަދި މި ފުރުސަތުގައި އަހަރެން ކުޅެދިން ޓީމްތަކާއި އަހަރެންގެ ސަޕޯޓަރުންނަށާއި ފުޓްބޯޅައިގައި އަހަންނާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް އަހަރެން ޝުކުރު އަދާކުރަން. މިހާރު މި ހިޔާލުކުރަނީ ތަފާތު މިސްރާބަކަށް ދަތުރުކުރަން. އެހެންކަމުން ވަރަށް އަވަހަށް ޔޫރަޕަށް ބަދަލުވެ ސްކައި ސްޕޯޓްސްއާ ގުޅެން ގަސްދުކުރާ ވާހަކަ އަހަރެން ހިއްސާ ކޮށްލަން ބޭނުން،" އޮންރީ ބުންޏެވެ.
މީގެ އިތުރުން އޮންރީ ބުނީ ފުޓްބޯޅައިގައި އޭނާ ހޭދަކުރި ދުވަސްތަކަކީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށާއި، އެއީ އެނާއަށް ކުރެވުނު ވަރަށް ހިންހަމަޖެހޭ ތަޖުރިބާއެއް ކަމަށެވެ. މިހާރު އުމުރުން 37 އަހަރު ވެފައިވާ އޮންރީ އަކީ ހަތަރު ފީފާ ވޯލްޑް ކަޕުގައި ބައިވެރިވި ފްރާންސްގެ ހަމައެކަނި ކުޅުންތެރިޔާ އެވެ. އަދި އޭނާ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 123 މެޗު ކުޅެދީފައި ވާއިރު، އޭނާ ވަނީ އެ ޓީމަށް 51 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
އޮންރީ އޭނާގެ ފުޓްބޯޅަ ކެރިއަރު ފުރަތަމަ ފަށާފައި ވަނީ 1983 ގައެވެ. އެ އަހަރުން ފެށިގެން 1994 ވަނަ އަހަރަށް އޭނާ ފަސް ކްލަބެއްގެ ޔޫތު ޓީމަށް ކުޅެދީފައި ވާއިރު، އޭނާގެ ސީނިއާ ކެރިއާ އޭނާ ފެށީ 1994 ގައި ފްރާންސްގެ ކަލްބެއް ކަމަށްވާ މޮނާކޯ އިންނެވެ. އެއަށްފަހު އޭނާ ޔުވެންޓަސް އާއި ބާސެލޯނާ އަދި އާސަނަލް އަށްވެސް ކުޅެދީފައި ވާއިރު، އޭނާ އެންމެ ފަހުން ފެނިެން ދިޔައީ އެމެރިކާގެ ކްލަބެއް ކަމަށްވާ ނިއުޔޯކް ރެޑް ބުލްސް އިންނެވެ. އެ ޓީމަށް 2010 ވަނަ އަހަރުން 2014 ވަނަ އަހަރަށް އޭނާ ކުޅެދީފައިވާ އިރު، 2012ގައި އޭނާ ވަނީ ލޯން ކުޅުންތެރިއެއްގެ ގޮތުގައި އާސަނަލްއަށް ހަތަރު މެޗު ކުޅެދީފަ އެވެ.
ފުޓްބޯޅައިގައި މުޅިއަކު 20 އަހަރު ހޭދަކުރި އޮންރީ ވަނީ އެ މުއްދަތުގެ ތެރޭގައި އެކިއެކި ކްލަބްތަކަށާއި ފްރާންސަގެ ގައުމީ ޓީމަށް މުޅިއަކު 704 މެޗު ކުޅެދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ މުޅިއަކު 335 ލަނޑު ކާމިޔާބު ކޮށްފައެވެ.